24 Apr 2019, 22:34
ނަސާރާ ދީނުގެ ހާއްސަ ދުވަހެއް ކަމަށްވާ އީސްޓާ ސްރީލަންކާގައި ފާހަގަކުރަނިކޮށް ދާދި ފަހުން ދިން ވަރުގަދަ ޓެރެރިސްޓް ހަމަލާގެ މުގުލުގައި ހުރި ކަމަށް ތުހުމަތުކުރާ މޯލްވީ ޒަހްރާން ހަޝްމީ މިއިން ޒަމާނަކުވެސް ރާއްޖެ އައިސްފައެއް ނެތް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ފާއިތުވި ފަސް އަހަރުވެސް އަދި އޭގެ މާކުރިންވެސް އޭނާ ރާއްޖެ އައިސްފައި ނުވާ ކަމަށެވެ. އަދި އޭނާ ފާއިތުވި އަހަރުތަކުގައި ރާއްޖެ އައިކަމަށް ބުނެ ބައެއް މީޑިއާއިން ދައްކާ ވަހާކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މި ދަނޑިވަޅަކީ ވަރަށް އުނދަގޫ ދަނޑިވަޅެއް ކަމަށާއި އަދި މި ދަނޑިވަޅު އިތުރަށް ކަންތައްތައް އޮޅުނަ ނުދިނުމުގެ ގޮތުން މީޑިއާތަކުން ސާބިތު ނުހިފޭ ވާހަކަތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ ކުރިން ކަމުގެ ހަގީގަތް ކަމާ ބެހޭ މުވައްސަސާތަކުން ސާފުކުރުމަށް އިމިގްރޭޝަންއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިމިގްރޭޝަންއިން ބުނީ ޓެރެރިޒަމްގެ ނުރައްކާ އޮތް މިންވަރު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ޓެރެރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ރާއްޖެއާއި އަދި ބައިނަލްއަގުވާމީ ސެކިއުރިޓީ އޭޖެންސީތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދެމިތިބޭނެ ކަމަށެވެ.
ލަންކާއަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 359 އަކަށް އަރައިފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 500 އަށް އަރައެވެ.