ކޮލަމްބޯ (އޭޕްރިލް 24): ސްރީލަންކާގައި އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާގެ އާއިލާގެ މެމްބަރަކު މަރުވި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ބަންގުލަދޭޝްގެ ޑާކާ ޓްރިބިއުންގައިވާ ގޮތުން ލަންކާގެ ހަމަލާތަކުގައި މަރުވެފައި ވަނީ ޝޭހް ހަސީނާއާ ދެބެންގެ ދެދަރި، ޝޭހް ފަޒްލުލް ކަރީމް ސަލީމްއަށް ކާފަ ކިޔާ ކުއްޖެކެވެ. އަދި އެއީ ޒަޔާން ޗޯދުރީ ކިޔާ އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެނޫހުގައިވާ ގޮތުން ހަމަލާތައް ދިނީ ކުއްޖާގެ އާއިލާއިން ޗުއްޓީ ހޭދަ ކުރަން ކޮލަމްބޯގެ ހޮޓަލެއްގައި ތިއްބަ އެވެ. ނަމަވެސް އެއީ ކޮން ހޮޓަލެއް ކަން އެނޫހުން ހާމަ ނުކުރެ އެވެ. އެދުވަހު ހަމަލާތައް ދީފައި ވަނީ ކިންގްސްބަރީ އާއި ޝަންގްރިއްލާ އާއި ސިނަމަން ގްރޭންޑް ހޮޓަލުގަ އެވެ.

ޑާކާ ޓްރިބިއުންގައިވާ ގޮތުން ހަމަލާ ދިން ވަގުތު ޒަޔާން އިނީ އެކުއްޖާގެ ބައްޕަ މަސީހުލް ހައްގު ޗޯދުރީއާ އެކު ހެނދުނުގެ ނާސްތާ ނަގަން ހޮޓެލުގެ ރެސްޓޯރެންޓުގަ އެވެ. އަދި ކުއްޖާގެ މަންމަ އާއި ކޮއްކޮ އެވަގުތު ތިބީ ހޮޓަލުގެ ކޮޓަރިއެއްގަ އެވެ.

އަދި އެހަމަލާގައި ޒަޔާން މަރުވެ، ކުއްޖާގެ ބައްޕައަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. އެއާއިލާގެ މެމްބަރަކު ބުނި ގޮތުގައި ކުއްޖާގެ ބައްޕަ އެހެން ތަނަކަށް ބަދަލު ކުރެވޭނީ ދެ ހަފްތާ ފަހުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެހެންކަމުން ޒަޔާންގެ ހަށިގަނޑު މިއަދު ވަނީ ޑާކާއަށް ގެންގޮސް، އެކުއްޖާގެ ޖަނާޒާ ބާއްވާފަ އެވެ.

ލަންކާގެ ހޮޓާތަކަށާއި ފައްޅިތަކަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 359އަށް އަރާފަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކުގެ 39 މީހުން ހިމެނެ އެވެ. އަދި އެގައުމުން ވަނީ ހަމަލާތަކާ ގުޅިގެން 60 މީހުން ހައްޔަރުކޮށްފަ އެވެ.