ކޮލަމްބޯ (އޭޕްރިލް 24): ނަސާރާއިންގެ އީދެއް ކަމަށްވާ އީސްޓާ ސަންޑޭގައި ސްރީލަންކާގައި ނުރައްކާތެރި އަށް ހަމަލާއެއް ދިން ފަހުން ކޮލަމްބޯގައި ދިރިއުޅޭ މުހައްމަދު ހަސަން އޭނާގެ ގެއިން އަދި ނުކުމެފައި ނުވެ އެވެ. އެއީ އޭނާއަކީ މުސްލިމަކަށްވާތީ ބަޔަކު އަނިޔާކޮށްފާނެކަމުގެ ބިރު އޮތުމުންނެވެ.

އުމުރުން 41 އަހަރުގެ ހަސަންއަކީ ނޫސް ޕްރިންޓު ކުރާ ތަނެއްގައި މަސައްކަތް ކުރާ މީހެކެވެ. ނަމަވެސް އާދިއްތަ ދުވަހުގެ ހަމަލާއަށް ފަހު އޭނާގެ އާއިލާއިން ވަނީ ވަޒީފާއަށްވެސް ނުނިކުތުމަށް އެދިފަ އެވެ.

"އަހަރެން ބޭރަށް ގޮސްފި ނަމަ އަނބުރާ ނާދެވިދާނެ ކަމާ މެދު އެމީހުން ކަންބޮޑުވަނީ،" ޑެމަޓަގޮޑާގެ ޖުއްމާ މިސްކިތުގައި ނަމާދު ކުރުމަށް ބޭރަށް ނުކުތް ހަސަން ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހު ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް ދިން ބޮމުގެ ހަމަލާގައި މިހާތަނަށް 359 މީހުން ވަނީ މަރުވެފަ އެވެ. އެގައުމުގެ ސަރުކާރުން ބުނާ ގޮތުގައި އެހަމަލާތައް ދީފައި ވަނީ ނެޝަނަލް ތައުހީތު ޖަމާއަތް (އެންޓީޖޭ) އާއި ޖަމިއްޔަތުލް މިއްލަތު އިބްރާހީމް (ޖޭއެމްއައި)އިން ގުޅިގެން، ބޭރުގެ އެހީއާ އެކުގަ އެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ އެހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ.

ލަންކާގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ ޖަނާޒާ ބާއްވަނީ -- ފޮޓޯ: އޭޕީ

ލަންކާގެ ޕާލިމެންޓުން އިއްޔެ ބޭއްވި ހާއްސަ ބައްދަލުވުމެއްގައި އެގައުމުގެ ސްޓޭޓް މިނިސްޓާ އޮފް ޑިފެންސް ރުވަން ވިޖެވަރުދަނަ ވަނީ އެގައުމުގައި ހަމަލާތައް ދިނީ މިދިޔަ މަހު ނިއު ޒިލެންޑުގެ މިސްކިތްތަކަށް ދިން ހަމަލާއާ ގުޅިގެން ބަދަލު ހިފުމަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެތުހުމަތުތައް ސާބިތުކޮށްދޭ އެއްވެސް ހެއްކެއްވެސް އަދި އެމައުލޫމާތު ލިބުނީ ކޮން ގޮތަކަށް ކަމެއް މިނިސްޓަރު ވިދާޅުނުވެ އެވެ.

ލަންކާގެ ބޮން ގޮއްވުންތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރި ފަރާތްތަކުގެ ތެރޭގައި އެގައުމާއި ބޭރު ގައުމުތަކުގެ މުސްލިމު ޖަމާއަތްތައް ހިމެނެ އެވެ. އެހެންނަމަވެސް އެހަމަލާގެ ޒިންމާ މުސްލިމުންގެ ބޮލުގައި އަޅުވަފާނެ ކަމުގެ ބިރު އޮތް ކަމަށް ލަންކާގެ ރައްޔިތުން ބުނެ އެވެ.

"އަހަންނަށް އެނގޭ މީހުން ތިބީ މުސްލިމުން ދެކެ ރުޅިއައިސްފައިކަން. މަންމައިންގެ އުނގުގައި ތިބި ތުއްތު ކުދިން މަރުވެފައިވޭ. އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން އެއްވެސް ބަޔެއްގެ ހިތުގައި އެހާވަރަށް ނަފުރަތު އުފެދިދާނެ ކަމަށް. އެނަފްރަތުގެ ސަބަބުން އިތުރު ނަފްރަތަށް މަގުފަހިވެގެން ނުވާނެ،" 60 އަހަރުގެ ޒަރީނާ ބޭގަމް ބުންޏެވެ.

ލަންކާގެ އާބާދީ 22 މިލިއަނަށް އަރާ އިރު އޭގެ ތެރެއިން 70 ޕަސެންޓު ހިއްސާ ކުރަނީ ބުދު ދީނުގެ މީހުންނެވެ. އަދި މުސްލިމުން 10 ޕަސެންޓު ހިއްސާ ކުރާ އިރު ނަސާރާއިން ހިއްސާ ކުރަނީ އާބާދީގެ ހަތް ޕަސެންޓެވެ.

ލަންކާގައި އަމިއްލަ ދައުލަތެއް ބިނާ ކުރަން އުޅުނު ތަމަޅަ ޓައިގަރުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ކުރި ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ފަހުން، އެގައުމުގައި މުސްލިމުންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވެ އެވެ. އެގޮތުން 2013 ވަނަ އަހަރާއި 2018 ވަނަ އަހަރު ހަރުކަށި ބުދު ދީނުގެ މީހުން މުސްލިމުންނާ ދެކޮޅަށް ކުރިއަށްގެންދިޔަ ކެމްޕެއިންތަކުގައި މުސްލިމުންގެ ގެތަކާއި ފިހާރަތަކުގައި ރޯކޮށްފައިވެ އެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި މަޗް މަހު ލަންކާގެ ކެންޑީގައި މިސްކިތްތަކަށާއި މުސްލިމުންގެ ވިޔަފާރިއަށް ގެއްލުންދީފައިވޭ -- ފޮޓޯ: އޭޕީ

އެހެންކަމުން އާދިއްތަ ދުވަހުގެ ހަމަލާތަކާ ގުޅިގެން ހަމަނުޖެހުން އުފެދިދާނެތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ގައުމުގެ ރައްޔިތުންގެ އެއްބައިވަންތަކަމަށް ގޮވާލައްވާފަ އެވެ.

"މި ހިނގާ ދިޔަ ކަންތައްތައް ގިނަ މުސްލިމުން ކުށްވެރިކުރޭ އަދި އެމީހުންވެސް ތިބީ ތަމަޅައިންނާއި ސިންހަލައިންނާ އެއްވަރަކަށް ރުޅިގަދަވެފަ،" ވިކްރަމަސިންހަ ވިދާޅުވި އެވެ.

އެހެންނަމަވެސް މިސްކިތަށް ނަމާދަށްދާ މީހުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އަދި ފުލުހުން މުސްލިމުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.

"އަހަރެން ތާކިހަލެއް އަޅައިގެން އުޅެނިކޮށް ފެނިގެން އަހަރެންނަނީ ދުޝްމަނެއް ކަމަށް ދެކިދާނެތީ އަހަރެމެން އަބަދު އުޅެނީ ބިރުން. އެކަމަކު އަހަރެމެން އެންމެން ކައިރީ ބުނެލަން ބޭނުންވަނީ އަހަރެމެންނަކީ ދުޝްމަނުންނެއް ނޫނޭ. މިއީ އަހަރެމެންގެވެސް ގައުމޭ. މިގައުމު އެނގިފައި އޮންނަނީ އޭޝިއާގެ މުތެއްގެ ގޮތުގައި. އަހަރެމެން ބޭނުންވަނީ ހަމަ އެގޮތަށް މިގައުމު ދެމިއޮންނަން،" މިސްކިތުގައި ހުރި އިތުރު މީހެއް ކަމަށްވާ އާރުއެފް އަމީރު ބުންޏެވެ.

އަދި މުސްލިމް ކައުންސިލް އޮފް ލަންކާގެ ނައިބު ރައީސް ހިލްމީ އަހުމަދު ވަނީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގައި އެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އެތައް ސަތޭކަ މީހުން ދަނީ ވަޅުލަމުން އެހެންކަމުން ޖަޒުބާތުތައް އުތުރިއަރާނެ. އަޅުގަނޑުމެން ސަރުކާރުގައި އެދެފިން ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް. މިހަމަލާ ދިނީ މުސްލިމުންނެއް ނޫން. އެއީ ވަކި ބަޔެއް،" އަހުމަދު ވިދާޅުވި އެވެ.

މީގެ އިތުރުން އަހުމަދު ވިދާޅުވި ގޮތުގައި އެކައުންސިލާއި އެހެން މުސްލިމުންވެސް ވަނީ އެންޓީޖޭގެ ލީޑަރަކީ ނުރައްކާތެރި މީހެއްކަން މީގެ ކުރިން ސަރުކާރަށް އަންގާފަ އެވެ.

ލަންކާގެ ބޮޑުވަޒީރު ވިކްރަމަސިންހަ ވަނީ އެހަމަލާތައް ދީފާނެ ކަމުގެ އިންޒާރު ކަމާ ބެހޭ ފަރާތްތަކަށް ލިބުނު ނަމަވެސް، އެއާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު ނޭޅި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ ހަމަލާތަކާ ގުޅިގެން އެގައުމުން ވަނީ މިހާތަނަށް 60 މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީ ލަންކާގެ މީހުންނެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ބިދޭސީމީހާއަކީ ސީރިއާގެ މީހެކެވެ.