މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމަށްވާ ޑެންގީ ހުން އަތޮޅުތަކުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އއ އާއި ލ އަތޮޅުންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރުނު ތަފާސް ހިސާބުތަކުގައި ބުނީ މިމަހު އެކަނިވެސް ޑެންގީ ޖެހިހެން އއ. އަތޮޅުން 29 ކޭސް އަދި ލ. އަތޮޅުން 62 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ މިހާތަނަށް، ޑެންގީ ޖެހިގެން 1700 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މާލެ ސަރަހައްދަށް ބަލާއިރު ވިލިމާލެއިން މިމަހު ޑެންގީގެ އެއްވެސް ކޭސްއެއް ރިޕޯޓްކޮށްފައެއް ނުވެއެވެ. ނަމަވެސް ހުޅުމާލެއިން 38 ކޭސް އަދި މާލެއިން 24 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

އެޗްޕީއޭއިން ބުނީ މިދުވަސްވަރު ޑެންގީ އިތުުރުވެގެން ގޮސްފައިވަނީ މޫސުން ހުންނަ ގޮތުން ކަމަށެވެ. އަދި އެ ބަލި ފެތުރޭ އީޑީސް މަދިރި މަދުކުރަން ގިން ޕްރޮގްރާމްތަކެއް ކުރިއަށް ދާ ކަމަށާއި އެކަމުގައި އާންމުންގެ ފުރިހަމަ އެއްބާރުލުން ލިބިއްޖެނަމަ މަދިރި އާލާވުން ކޮންޓްރޯލް ކުރެވޭނެ ކަަމަށް އެޗްޕީއޭއިން ބުންޏެވެ.