ޤާހިރާ (އޮކްޓޯބަރ 12) : ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާޢަތުން އަސީރު ކޮށްފައިވާ އިސްރާއީލުގެ ސިފައިންގެ މީހާ ޖަލްޢާދު ޝަލީތުގެ ބަދަލުގައި ފަލަސްތީނުގެ 1027 މީހަކު އިސްރާއީލުގެ ޖަލުތަކުން މިނިވަން ކުރުމަށް އިސްރާއީލު އެންމެ ފަހުން އެއްބަސްވެއްޖެއެވެ. މިކަން ހާމަކުރައްވަމުން ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ ޚާލިދް މިޝްޢަލް ވިދާޅުވީ އަސީރުން ބަދަލުކުރުމުގެ މިއެއްބަސްވުން ވުޖޫދަށް ގެނައުމުގައި މެދުވެރިއެއްގެބައި އަދާކުރީ މިސްރުން ކަމުގައެވެ.

މި ނުސީދާ އެއްބަސްވުމުގެ ދަށުން ދޫކުރުމަށް އިސްރާއީލުން އެއްބަސްވި ފަލަސްތީނުގެ 1027 އަސީރުންގެ ތެރެއިން 315 އަސީރުންނަކީ އިސްރާއީލާ ދެކޮޅަށް މިނިވަން ކަމުގެ ޖިހާދު ކުރުމުގެ ސަބަބުން އުމުރަށް ޖަލަށްލުމަށް އިސްރާއީލުގެ ޢަސްކަރީ އިސްތިޢްމާރީ ކޯޓުތަކުން ޙުކުމް ކޮށްފައިވާ ފަލަސްތީނުގެ މުޖާހިދުންނާއި ބައެއް ޢާންމުންނެވެ.

ޙަމާސް ޖަމާއަތުން އަސީރުކޮށްފައިވާ އިސްރާއީލު ސިފައިންގެ މީހާގެ ބަދަލުގައި މިނިވަންކުރުމަށް އިސްރާއީލުން މީގެ ދެއަހަރުކުރިން އެއްބަސްވީ 500 އެއްހާ ފަލަސްތީނުގެ އަސީރުންނެވެ. މީގެ ތެރޭގައިވެސް އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާ ދެކޮޅަށް ހަތިޔާރުގެ ޖިހާދެއްކުރި މީހަކު ހިމެނުމަށް އިސްރާއީލުވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް އިއްޔެގެ އެއްބަސްވުމުގެ ދަށުން މިނިވަންކުރުމަށް ހަޖެހިފައިވާ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި އަސީރުންނަކީ އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ހަތިޔާރު އުފުލައި ހަތިޔާރުގެ ޖިހާދު ކުރުމުގެ ސަބަބުން ހައްޔަރުކޮށްފައިވާ މުޖާހިދުންނެވެ.

މި 315 އަސީރުންނަކީ އެމީހުން މިނިވަންކުރުމަށްއެދި ޙަމާސް ޖަމާއަތުން ހުށަހެޅި ލިސްޓްގައި ވަކިވަކިން ނަންފާހަގަކޮށްފައިވާ މީހުންނެވެ. މީގެތެރޭގައި މީގެ 9 އަހަރުކުރިން އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ފަތްޙު ޖަމާއަތުގެ ލީޑަރެއް ކަމަށްވާ މަރްވާން އަލްބަރްޣޫޘީ ވެސް ހިމެނިވަޑައިގަންނަވައެވެ. އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން މިނިވަންކުރެވޭ އެނޫންމީހުންނަކީ ވަކިވަކި ފަރދުންގެ ބަދަލުގައި ވަކިކެޓަގަރީތަކަކަށް އެއްބަސްވެގެން މިނިވަންކުރާ މީހުންނެވެ.

މީގެތެރޭގައި އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދިންނާއި ބަލިމީހުންވެސް ހިމެނެއެވެ. ވަރަށް ދިގުމުއްދަތަކަށް ޙުކުމްކޮށްފައިވާ ފަލަސްތީނުގެ 450 މީހަކުވެސް މީގެތެރޭގައި ހިމެނެއެވެ.

އިސްރާއީލުގެ ސިފައިންގެ މީހާ ޖަލްޢާދު ޝާލީތު 2006 ވަނަ އަހަރު އަސީރުކޮށްގެން ޙާސިލްކުރުމަށް އެދުވަސްވަރު ރޭވި ކަންތައްތަކުގެ ތެރޭން 99 ޕަސެންޓް އަސީރުން ބަދަލުކުރުމުގެ މިއެއްބަސްވުމުގެ ސަބަބުން ޙާސިލްކުރެވޭ ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުންބުނެއެވެ.

މިގޮތަށް އެއްބަސް ވާން އިސްރާއީލަށް މަޖްބޫރުވީ މިސްރު މެދުވެރިއަކަށްވެގެން އިސްރާއީލާއެކު ކުރިޔަށް ގެންދިޔަ ނުސީދާ ވާހަކަތަކުގައި ޙަމާސްޖަމާއަތުންނާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން ވަރަށް ވަރުގަދަ ސްޓޭންޑެއްނަގައި އެގޮތުގައި ދޫނުކޮށް ހިފެހެއްޓުމުގެ ސަބަބުން ކަމަށާއި ފަލަސްތީނުގެ ޖަމާއަތްތަކުގެ ޢަޒުމާއި ހިއްވަރުގެ ކުރިމަތީގައި އިސްރާއީލަށް ގޮތްދޫކުރަން ޖެހުނީ ކަމަށްވެސް ޙަމާސްގެ ލީޑަރު ޚާލިދް މިޝްޢަލް ވިދާޅުވިއެވެ. އިސްރާއީލުގެ އެތެރޭން ގެންދަނީ ޖަލްޢާދު ޝާލީތު މިނިވަންކުރުމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫއަށް ވަރަށް ވަރުގަދަ ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ.

މިއެއްބަސްވުމާ ގުޅިގެން ނަތަނިޔާހޫ ވިދާޅުވީ މިއީ އޭނާގެ ވެރިކަމުގައި ނިންމެވި އެންމެ ހިތްދަތި ނިންމެވުން ކަމުގައެވެ. ނަމަވެސް މިއީ މިއީ މިވަގުތަށް އޮތް އެންމެ ރަނގަޅުގޮތް ކަމަށް ވިދާޅުވެ ނަތަނިޔާހޫވަނީ އޭނާގެ ނިންމެވުން ދިފާޢު ކުރައްވައި ވާހަކަ ދައްކަވާފައެވެ. -- އަލްޖަޒީރާ