އިންވެސްޓްމަންޓްތައް އިތުރުކޮށް، އިންވެސްޓަރުންނާ ގުޅޭ ކަންކަން ކުރުމަށް، "މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު އުފައްދަވައިފި އެވެ.

މިއީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

އެ ކުންފުނި އުފައްދައިފައިވަނީ ގާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުންނެވެ.

މިއީ ރާއްޖޭގެ އިންވެސްޓަރުންނާއި ބައިނަލްއަގްވާމީ ބާޒާރުތަކުން ހެޔޮ އަގުގައި ފަންޑު ސްޓްރަކްޗަރތައް މެދުވެރިކޮށް، ފައިނޭންސް ހޯދުމަށް ޚާއްޞަކުރެވިގެން އުފެއްދެވި ކުންފުންޏެކެވެ.

ރައީސް އޮފީހުން ބުނީ އެ ކުންފުނި އުފެއްދީ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލޔކުރުމަށްޓަކައި، ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ޤައުމުގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި، ކުރެވޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތައް އިތުރުކުރެއްވުމަށްޓަކައި، ލިބޭ ނަފާއާއި ނަގަންޖެހޭ ރިސްކުތައް މެނޭޖުކުރެވޭފަދަ އިންތިޒާމެއް ގާއިމްކުރުމުގެ ގޮތުން ކަމަށެވެ.