މޮސްކޯ (އޭޕްރިލް 24): ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެއްވުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ރަޝިއާއަށް ވަޑައިގެންފި އެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އެގައުމުގެ އިސް އޮފިޝަލުންނާ އެކު ކިމް ދަތުރުފުޅު ފެއްޓެވީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ. އަދި އޭނާ މިހާރު ހުންނެވީ ރަޝިއާގެ ވްލަޑިވޮސްޓޮކްގަ އެވެ. ނަމަވެސް އެދެ ބޭފުޅުންގެ ބައްދަލުވުން ބާއްވާނެ ތަނަކާއި ގަޑިއެއް އެމީޑިއާއިން ހާމަ ނުކުރެ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ކިމް އާއި ޕުޓިން ބައްދަލުކުރައްވާނީ މާދަމާ ވްލަޑިވޮސްޓޮކްގަ އެވެ. އަދި ދެ ބޭފުޅުން މަޝްވަރާ ކުރައްވާނީ ކޮރެއާގެ ނިއުކްލިއާ މައްސަލައާ ބެހޭ ގޮތުން ރަޝިއާގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެބައްދަލުވުން ބާއްވަނީ މީގެ ދެ މަސް ކުރިން ވިއެޓްނާމްގެ ހަނޯއިގައި ކިމް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރެއްވި ފަހުންނެވެ. އެބައްދަލުވުން ނިމިގެން ދިޔައީ ދެލީޑަރުންނަށް އެއްބަސްވުމަކަށް ނާދެވި އެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަކަށް ގެނައުމަށް ކުރާ މަސައްކަތްތަކުގައި މީގެ ކުރިންވެސް ރަޝިއާއިން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން 2009 ވަނަ އަހަރު ދެ ކޮރެއާ އާއި ޖަޕާނާއި އެމެރިކާ އާއި ޗައިނާއިން ބޭއްވި މަޝްވަރާތަކުގައިވެސް އެގައުމުން ބައިވެރިވި އެވެ. އަދި 2002 ވަނަ އަހަރު ޕޫޓިން ވަނީ ކިމް ޖޮންގް އުންގެ ބައްޕާފުޅު އަދި އޭރުގެ ލީޑަރު ކިމް ޖޮންގް އިލްއާ ބައްދަލުކުރައްވާފަ އެވެ.