ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓްގައި މިހާތަނަށް ބޭއްވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާ އާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމުމަށް، ފެބުރުއަރީ 18 ގައި ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން އެދިގެން އެމަނިކުފާނު ޝަރީއަތް ނިމެންދެން ހައްޔަރު ކުރި އެވެ. އެހެން ނަމަވެސް، އެ އަމުރު އިސްތިއުނާފު ކުރުމުން މާޗް 28 ވަނަ ދުވަހު ހައިކޯޓުން އަމުރުކުރީ އެމަނިކުފާނު ދޫކޮށްލުމަށެވެ.

ކުރިމިނަލް ކޯޓުން އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު، 1:00 އަށެވެ.

އެ މައްސަލައިގައި މިހާތަނަށް އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާއިރު، މާދަމާގެ އަޑުއެހުމުގައި އޮންނާނީ، އެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމެކެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގައި 11 ވަނަ މާއްދާގައި ބުނާގޮތުން، އިބްތިދާއީ އަޑުއެހުމަކީ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދަޢުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދައުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށް ބާއްވާ އަޑުއެހުމެކެވެ.

އެ ގާނޫނުގައި ބުނާގޮތުން، އެ އަޑުއެހުމުގައި ދައުވާވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބަލައި، މައްސަލައިގެ ކުރިއަށްހުރި އަޑުއެހުންތައް ރާވައި ތާވަލުކުރުމަށްޓަކައި، ބާއްވާ އަޑުއެހުމެކެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް އެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނުގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ޖިނާއީ އިޖުރާތު ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުން މަނީލޯންޑަރިން ކުށަކީ އެންމެ ބޮޑެތި ކުށްތަކުގައި ހިމެނޭ ކުށެކެވެ.

އެ ގާނޫނުގައި ބުނާގޮތުން، މަނީ ލޯންޑަރިން އާއި ޓެރެރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގައިވާގޮތުން މަނީ ލޯންޑާ ކުރުމުގެ އަދަބަކީ، އެއްލަކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާގެ އަދަދަކަށް ޖޫރިމަނާ ކުރުމާއެކު، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ، ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު ފަސް ގުނަ އަށްވުރެ އިތުރު ނުވާ އަދަދަކުން ޖުރިމަނާ ކުރުމާއެކު، ފަސްއަހަރާ 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.