ފޮޓޯ ކޮޕީ މެޝިނާއި ފެކްސް މެޝިންތައް ހިފައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް)ގެ ޓީމްތައް ހދ. އަތޮޅާއި ނ. އަދި ރ. އަތޮޅަށް މާދަމާ ފުރަން ދަތުރަށް ތައްޔާރުވެއްޖެ އެވެ.

ޕާޓީގެ ކައުންސިލް މެމްބަރު އިބްރާހިމް މުއާޒް (މުއާ) ވިދާޅުވީ ފެކްހާއި ފޮޓޯ ކޮޕީ މެޝިންތައް ހިފައިގެން އެ ޕާޓީގެ ޓީމްތައް މާދަމާ ފަށާ ދަތުރު ތަކުގައި އެ ތިން އަތޮޅުގައި ދަތުރުކޮށް ރައްޔިތުންގެ ޝަކުވާއް އަޑު އަހައި ބެލުމުގެ އިތުރަށް ޕީޕީއެމަށް ފޯމް ފުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވައިލާނެ ކަމަށެވެ.

އެ ތިން އަތޮޅުގެ ތެރެއިން ޕީޕީއެމްގެ ޓީމްތައް ދަތުރުކުރަނީ ކޮން ރަށްރަށަކަށް ކަމެއް މުއާ ވިދާޅެއް ނުވެއެވެ.

އޭނާ ވިދާޅުވީ ފެކްހާއި ފޮޓޯކޮޕީ މެޝިންތައް ހިފައިގެން ދަތުރު ފަށަނީ ބައެއް ރަށްރަށުން މިހާރު ފޮޓޯކޮޕީއެއް ހަންދަން ސަރުކާރުގެ މުއައްސަސާއަކަށް ދިޔަސް ދަތިތަކާ ކުރިމަތި ކުރުވާތީ ކަމަށެވެ.

"އެކަން ކުރުމަށް [ފޮޓޯ ކޮޕީ ނެގުމަށް] މިއޮންނަނީ ދަތިވެފައި. ޕީޕީއެމަށް ތާއީދުކުރާކަން އެނގޭކަމަށް ވަންޏާ ފޮޓޯކޮޕީއެއް ވެސް ނުނަގައިދޭ. މިއީ މިއަދު ހާލަތު ހުރި ގޮތަކީ،" އޭނާ ވިދާޅުވިއެވެ.

މިދަތުރުތަކުގައި ޕާޓީގެ ވަގުތީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައި ނުގެންނެވި ނަމަވެސް އެ ޕާޓީގެ ކައުންސިލް މެމްބަރުނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ޕީޕީއެމުން ބުންޏެވެ.