ކޮލަމްބޯ (އޭޕްރިލް 24): ސްރީލަންކާގައި އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި ބައިވެރިވި ދެ ޖަމާއަތުގެ ތެރެއިން އެއް ޖަމާއަތުގެ ލީޑަރުވެސް ހަމަލާގައި ބައިވެރިވެ، އަމިއްލައަށް މަރުވި ކަމަށް އެގައުމުގެ ސްޓޭޓް މިނިސްޓާ އޮފް ޑިފެންސް ރުވަން ވިޖެވަރުދަނަ ވިދާޅުވެއްޖެ އެވެ.

އިއްޔެ ކޮލަމްބޯގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިޖެވަރުދަނަ ވިދާޅުވި ގޮތުގައި އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި އަމިއްލައަށް މަރުވެގެން ނުވަ މީހަކު ބޮން ގޮއްވާލި އެވެ. އަދި އޭގެ ތެރެއިން އަށް މީހުންނަކީ ކޮން ބަޔެއްކަން މިހާރު ހޯދިފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށް ވިޖެވަރުދަނަ ވިދާޅުވި އެވެ.

އިއްޔެ ލަންކާގެ ޕާލިމެންޓުގައި ވާހަކަ ދައްކަވަމުން ވިޖެވަރުދަނަ ވަނީ އާދިއްތަ ދުވަހުގެ ހަމަލާ ދީފައި ވަނީ އެގައުމުގެ ހަނގުރާމަވެރި ދެ ޖަމާއަތް ކަމަށްވާ ނެޝަނަލް ތައުހީތު ޖަމާއަތް (އެންޓީޖޭ) އާއި ޖަމިއްޔަތުލް މިއްލަތު އިބްރާހީމް (ޖޭއެމްއައި) ގުޅިގެން، ބޭރުގެ އެހީއާ އެކު ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ހަމަލާތަކުގައި މަރުވެފައި ވަނީ ކޮން ޖަމާއަތެއްގެ ލީޑަރު ކަމެއް މިނިސްޓަރު ވިދާޅުނުވެ އެވެ.

ލަންކާގެ ސްޓޭޓް މިނިސްޓަރަކު ވަނީ ހަމަލާތަކުގައި އެއް ޖަމާއަތުގެ ލީޑަރު އަމިއްލައަށް މަރުވި ކަމަށް ބުނެފަ، ނަމަވެސް އޭގެ ތެރެއިން ކޮން ޖަމާއަތެއްކަން ހާމައެއް ނުކުރޭ -- ފޮޓޯ: އަމާގް

އާދިއްތަ ދުވަހު ދިން ހަމަލާތަކުގެ ތެރެއިން ޑެމަޓަގޮޑާގައި ދިން ހަމަލާއަކީ އަންހެނަކު ދިން ހަމަލާއެއް ކަމަށް މީގެ ކުރިން ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން އެއަންހެންމީހާ އަކީ ޝަންގްރިއްލާ އާއި ސިނަމަން ގްރޭންޑް ހޮޓެލުގައި ހަމަލާ ދިން ދެބެއިންގެ ތެރެއިން އެކަކުގެ އަނބިމީހާ ކަމަށް އެރިޕޯޓުތަކުގައިވެ އެވެ. އަދި އެދެމަފިރިންގެ ގެޔަށް ފުލުހުން ދިޔުމުން އަންހެން މީހާ ދިން ހަމަލާގައި އޭނާގެ ދެ ދަރިންނާއި ތިން ފުލުހުން މަރުވި ކަމަށް ނޫސްތަކުން ބުނެ އެވެ.

އެހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 359އަށް އަރާފައިވާ އިރު ލަންކާއިން ވަނީ ހަމަލާތަކާ ގުޅިގެން 60 މީހުން ހައްޔަރުކޮށްފަ އެވެ.

މީގެ ކުރިން ވިޖެވަރުދަނަ ވަނީ ލަންކާގެ ހަމަލާތައް ދިނީ މިދިޔަ މަހު ނިއު ޒިލެންޑުގެ ދެމިސްކިތަށް ދިން ހަމަލާއާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަން ސާބިތު ކުރެވޭނެ އެއްވެސް ހެތްކެއް އޮތް ކަމަށް މިނިސްޓަރު ވިދާޅުނުވެ އެވެ. އަދި ނިއު ޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވަނީ އެތުހުމަތާ ބެހޭ ގޮތުން ލަންކާގެ ސަރުކާރާއި ޖާސޫސީ އިދާރާތަކުންވެސް އެގައުމާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ޓެރަރިސްޓު ހަމަލާތައް ދީފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ ލަންކާގެ ހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ. އަދި ހަމަލާތަކުގައި އިސްކޮށް އުޅުނު ކަމަށް ބުނާ މީހާ އާއި އިތުރު ހަތް މީހުން ފެންނަ ފޮޓޯއަކާއި ވީޑިއޯއެއް އާއްމުކޮށްފައިވެ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެފޮޓޯގެ މޫނު ފެންނަ ގޮތަށް ހުރީ އެންޓީޖޭގެ ލީޑަރު ޒަހްރާން ހާޝިމީ އެވެ.