ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގިނަ އަހަރަތެއް ވަންދެން އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔާތް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އެވެ.

ރިޔާޒު ހުށަހެޅުއްވި އެ ބިލްގައި ވަނީ، ސަރުފުވެރިކަމާއި އެކު ފަނޑިޔާރުކަމުން ވަކިވުމަކީ ތަހުޒީބްވެފައިވާ މުޖުތަމައުތަކުގައި އާންމު އުސޫލެއް ކަމަށާއި އެގޮތުން 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނުނު އަސާސީގެ ދަށުން ފަނިޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަފަނޑިޔާރަކީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރުމުގައި ދެމި ހުރި ބޭފުޅެއް ކަމަށެވެ.

ގާނޫނު އަސާސީގެ 285 މާއްދާގެ ހ ގައި ވަނީ، ގާނޫނު އަސާސީއަށް އަމަލުކުރަން ފަށާއިރު ތިބި ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން ގޮތެއް ކަނޑައަޅަންދެން ފަނޑިޔާރުކަމުގެ މަގާމްގައި ތިބޭނެ ކަމަށެވެ.

ރިޔާޒި ހުށަހެޅުއްވި އެ ބިލްގައި ވަނީ، ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާ ކޮންމެ ފަނޑިޔާރަކާއި، ފަނޑިޔާރުކަމުގެ މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަކީ ޝަރަފުވެރިކަމާއި އެކު ފަނޑިޔާރުކަމުގެ މަގާމުން ވިކިވާ މީހެއް ކަމަށެވެ. އަދި އެ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ދައުލަތުގެ ފަރާތުން ލިބިދޭންޖެހޭނެ ކަމަށް ވެސް ރިޔާޒު ހުށަހެޅުއްވި އެ ބިލްގައި ވެއެވެ.

އެ ބިލް މިއަދު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ. އަދި ބަހުސްވެސް ވަނީ ފަށައިފަ އެވެ. މަޖިލީހުގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް އެފަދަ ބިލެއް ހުށަހެޅުމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، މަޖިލީހުގައި މިހާރު ތިއްބެވި 70 ޕަސެންޓް މެންބަރުންނަށް ރައްޔިތުން ނޫނެކޭ ބުނެފައި ވަނިކޮށް މިފަދަ ބޮޑު ބަދަލެއް ގާނޫނުތަކަށް ގެންނަން އުޅުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށެވެ.