24 Apr 2019, 11:12
ކޮލަމްބޯ (އޭޕްރިލް 24): ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު ދިން ހަމަލާތަކުގެ ތެރެއިން ޑެމަޓަގޮޑާގައި އެއްޗެއް ގޮއްވާލީ އަންހެނެއް ކަމަށް އިންވެސްޓިގޭޓަރަކާ ހަވާލާދީ ގާޑިއަންއިން ރިޕޯޓުކޮށްފި އެވެ.
ގާޑިއަންގައިވާ ގޮތުން ޝަންގްރިއްލާ އާއި ސިނަމަން ގްރޭންޑް ހޮޓެލުގައި ހަމަލާދިނީ ދެބެއިންނެވެ. އަދި އޭގެ ތެރެއިން އެކަކު ހޮޓަލަށް ޗެކްއިން ކުރި އިރު ދިނީ ޑެމަޓަގޮޑާގައި ހުންނަ ގެޔެއްގެ އެޑްރެސް އެވެ. އެހެންކަމުން ފުލުހުން އެގެޔަށް ދިޔުމުން، ހަމަލާ ދިން މީހާގެ އަނބިމީހާ އެގޭގައި ހުރި އެއްޗެހިތަކެއް ގޮއްވާލީ އެވެ. އެހާދިސާގައި އެދެމަފިރިންގެ ދަރިން ކަމަށް ބެލެވޭ ދެ ކުދިންނާއި ތިން ފުލުހުން ވެސް މަރުވި އެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ ލަންކާއަށް ދިން ހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ. ނަމަވެސް ލަންކާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އެހަމަލާތައް ދިނީ އެގައުމުގެ ހަނގުރާމަވެރި ދެ ޖަމާއަތް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އާއި ޖަމިއްޔަތު މިއްލަތި އިބްރާހީމް (ޖޭއެމްއައި)އިން ބޭރުގެ އެހީއާއެކުގަ އެވެ. އަދި ހަމަލާގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބެލެވެނީ އެންޓީޖޭގެ ލީޑަރު ޒަހްރާން ހާޝިމީ އެވެ.
ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ރުވަން ވިޖެވަރުދަނަ ވަނީ އެގައުމުގެ ހަމަލާތައް ދިނީ މިދިޔަ މަހު ނިއު ޒީލޭންޑުގެ ދެ މިސްކިތަކަށް ދިން ހަމަލާގެ ރައްދެއްގެ ގޮތުން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަން ސާބިތު ކުރެވޭނެ އެއްވެސް ހެތްކެއް މިނިސްޓަރު ނުދެއްވަ އެވެ.
އަދި ނިއު ޒިލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވަނީ އެތުހުމަތާ ބެހޭ ގޮތުން ލަންކާގެ ސަރުކާރާއި ޖާސޫސީ އިދާރާތަކުން އެގައުމާ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ލަންކާގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 359އަށް އަރައި، އަނިޔާވި މީހުންގެ އަދަދު 500އަށް ވުރެ އިތުރުވެފަ އެވެ. އަދި އެހަމަލާތަކާ ގުޅިގެން އެގައުމުން ވަނީ މިހާތަނަށް 58 މީހުން ހައްޔަރުކޮށްފަ އެވެ.