ގާހިރާ (އެޕްރީލް 24) : މިސްރުގެ ގާނޫނު އަސާސީ އަށް އެގައުމުގެ ޕާލަމެންޓުން ގެނައި ބަދަލުތަކަށް ރައްޔިތުން ރުހުން ދީފިއެވެ.

މި ބަދަލުތަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް މިދިޔަ އާދީއްތަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި 88.83 ޕަސެންޓް މީހުން ވޯޓު ދީފައިވަނީ ބަދަލުތަކަށް ތާއީދުކޮށް ކަމަށް މިސްރުގެ އިންތިހާބުތަކާބެހޭ އިދާރާއިން ބުނެ އެވެ.

މިސްރުގެ އިންތިހާބުތަކާބެހޭ އިދާރާގެ ވެރިޔާ ލާޝިން އިބްރާހީމް ވިދާޅުވީ 88.83 ޕަސެންޓް މީހުންގެ ވޯޓުން ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކަށް ރައްޔިތުން ރުހުން ދީފައިވާ ކަމަށެވެ. އާދީއްތަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި 27.2 މިލިޔަން މީހުން ވޯޓުލާފައިވެ އެވެ.

މިސްރުގެ އިންތިހާބުތަކާބެހޭ އިދާރާގެ ވެރިޔާ ލާޝިން އިބްރާހީމް ވިދާޅުވީ ވޯޓްލީ މީހުންގެ 23.5 ޕަސެންޓް މީހުން ވޯޓު ދީފައިވަނީ ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކަށް ތާއީދުކޮށް ކަމަށެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 44.33 އިންސައްތަ މީހުން ވޯޓުލުމުގައި ބައިވެރިވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މިސްރުގެ ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ ރިޔާސީ ދައުރު ހަތަރު އަހަރުން ހަ އަހަރަށް އިތުރުކުރުމާއެކު މިސްރުގެ ވެރިކަމުގައި މިހާރު ހުންނެވި ރައީސަށް ކުރިޔަށް އޮތް ރިޔާސީ ދެދައުރަށްވެސް ކުރިމަތިލުމުގެ ފުރްސަތު ލިބޭގޮތަށް ގެނައި އިސްލާހެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ، މިއީ 2030 ވަނަ އަހަރާ ހަމައަށް މިސްރުގެ ވެރިކަމުގައި ރައީސް ޢަބްދުލްފައްތާހު އަލްސީސީ އަށް ހުންނެވޭގޮތަށް ސީދާ އޭނާއަށް އަށް ހާއްސަކޮށްގެން ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކެއް ކަމަށެވެ.

މިހާރުގެ ރައީސް ސީސީ ވެރިކަން ކުރައްވަނީ އޭނާގެ ރިޔާސީ ދެވަނަ ދައުރުގަ އެވެ. އެހެންކަމުން ހަމައެކަނި ސީސީ އަށް ރިޔާސީ ހަތަރު ދައުރުގެ ފުރްސަތު މި ބަދަލުތަކުގެ ދަށުން ލިބިވަޑައިގަންނަވަ އެވެ.

މިސްރުގެ ގާނޫނު އަސާސީއަށް ދެން ގެނައި ބަދަލުތަކަކީ މިހާރުގެ ޕާލަމެންޓަކީ ތިރިގެ ކަމަށް ހަދައި ޕާލަމެންޓްގެ މަތިގެއެއް ނުވަތަ ސެނެޓެއް އުފެއްދުމާއި އަންހެނުންނަށާއި ނަސާރާއިންނަށް ޕާލަމެންޓްގައި ވަކިއަދަދަކަށް ގޮނޑި ކަނޑައެޅުމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމު އުފެއްދުމާއި ފަނޑިޔާރުންނާއި ޕަބްލިކް ޕްރޮސެކިއުޓަރުން އައްޔަން ކުރުމުގެ ބާރު ރައީސްއަށް ލިބިދިނުމެވެ.

މިބަދަލުތައް ގެނަސްފައިވަނީ ޕާލަމެންޓްގެ ބޮޑު އަޣްލަބިއްޔަތަކުން ފާސްކޮށްގެންނެވެ. މިސްރުގެ މިހާރުގެ ރައީސް ގެންދަވަނީ، އިދިކޮޅު ލީޑަރުން ޖަލަށްލައި އިދިކޮޅު ޕާޓީތަކަށް އެކި ޒާތުގެ ފިއްތުންތައް ކުރިމަތިކޮށްފައި ކުރުވަމުން އެވެ. -- (އަލްޖަޒީރާ)