ކޮލަމްބޯ (އޭޕްރިލް 24) -- ސްރީލަންކާއަށް މިދިޔަ އާދިއްތަ ދުވަހު ހަމަލާ ދިން މީހުން ކަމަށް އިސްލާމިކް ސްޓޭޓް (އައިއެސް)އިން ބުނާ މީހުންގެ ފޮޓޯ އާއި ވީޑިއޯ އެޖަމާއަތުން އާއްމުކޮށްފި އެވެ.

އައިއެސްގެ ނޫސް އޭޖެންސީ އަމާގް މެދުވެރިކޮށް ނެރުނު ފޮޓޯއިން އާއި ވީޑިއޯއިން ހަތް މީހަކު މޫނު ފޮރުވައިގެން ތިބި މަންޒަރު ފެނެ އެވެ. އަދި ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެމީހުން މެދުގައި ހުރީ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު، ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ)ގެ ލީޑަރު ޒަހްރާން ހާޝިމީ އެވެ.

އެހަމަލާތަކާ ބެހޭ ގޮތުން އައިއެސްއިން ނެރުނު ބަޔާނުގައި ހަމަލާ ދިން މީހުންގެ އަސްލު ނަމާއި އެމީހުން ނިސްބަތްވާ ގައުމު ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް އިންވެސްޓިގޭޓަރުން ގަބޫލު ކުރާ ގޮތުގައި އެހަމަލާ ދިނީ ހުސް ލަންކާގެ މީހުންނެވެ. އަދި އައިއެސްގެ ބަޔާނުގައި ފާހަގަކޮށްފައި ވަނީ ހަތް ހަމަލާ ކަމަށާއި، ދެހިވަލާގައި ދިން ހަމަލާގެ ޒިންމާ އެޖަމާއަތުން ނުނަގާ ކަން ބައެއް ފަރާތްތަކުން ފާހަގަ ކުރި އެވެ.

ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާ ސަންޑޭގައި ލަންކާގެ ތިން ފައްޅިއަކަށާއި ތިން ހޮޓަލަކަށާއި އެއް ގެޔަށް ދިން ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 359އަށް އަރާފަ އެވެ. އަދި ހަމަލާތަކާ ގުޅިގެން އެގައުމުން ވަނީ މިހާތަނަށް 58 މީހުން ހައްޔަރުކޮށްފަ އެވެ.

ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ރުވަން ވިޖެވަރުދަނަ ވަނީ އެގައުމުގެ ހަމަލާތައް ދިނީ މިދިޔަ މަހު ނިއު ޒީލޭންޑުގެ ދެ މިސްކިތަކަށް ދިން ހަމަލާގެ ރައްދެއްގެ ގޮތުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެހަމަލާ ދިނުމުގައި އެގައުމުގެ ދެ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ނެޝަނަލް ތައުހީތު ޖަމާއަތް (އެންޓީޖޭ) އާއި ޖަމިއްޔަތުލް މިއްލަތު އިބްރާހީމް (ޖޭއެމްއައި) ބައިވެރިވި ކަމަށާއި، އެމީހުންނަށް ބޭރުގެ އެހީ ލިބުނު ކަމަށް ވިދާޅުވެފަ އެވެ.