އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކެޓަޕިލާ ފައިނޭންޝަލް ސާވިސަސްގެ އޭޝިއާ ގޮފީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ މައްޗަށް ހޯދަން އެދޭ 2.9 މިލިޔަން ރުފިޔާގެ ދައުވާގެ ޝަރީއަތުގެ އަޑު އެހުން މިއަދު ނިންމާލައިފި އެވެ.

މި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މޫސާ މަނިކުގެ ފަރާތުން ބަޔާން ހުށަހެޅުމަށް ފުރުސަތު ހުޅުވައިލުމުން މޫސާ މަނިކުގެ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވަނީ ހުށަހަޅާނެ ބަޔާނެއް ނެތްކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގެ މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން ސިވިލްކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ މޫސާ މަނިކުގެ ފަރާތުން ބަޔާން ހުށަހަޅަން ބޭނުން ނުވުމުން މި މައްސަލައިގެ ދެން އޮންނާނީ ހުކުމް ކުރެއްވުން ކަމަށެވެ.

ކެޓަޕިލާއިން މޫސާ މަނިކުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ ފެބްރުއަރީ 19، 2007 ގައި ހެވީލޯޑް މޯލްޑިވްސްއާ ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް 700000 ޑޮލަރުގެ ލޯނެއް ދޫކޮށްފައިވާ ކަމަށެވެ.

އަދި އެ ލޯނަށް ގެރެންޓީ ދީފައި ވަނީ މޫސާ މަނިކު ކަމަށް ވެސް އެ ދައުވާގައިވެ އެވެ. އެހެންކަމުން ހެވީލޯޑުން މިހާތަނަށް ނުދައްކާ އޮތް 189446 ޑޮލަރު (2921257ރ.) މޫސަގެ ފަރާތުން ހޯދުމަށް އެދޭ ކަމަށް އެ ދައުވާގައިވެ އެވެ.