25 Apr 2019, 12:03
ސިނަމާލެ ބްރިޖުގައި ބައިސްކަލު ދުއްވުމަށް ޓަކައި ކަނޑައެޅި ލޭނަކީ ބްރިޖުގައި މީހުން ހިނގުމަށާއި ދުވުމަށް މިހާރު ބޭނުންކުރާ ލޭނު ކަމަށާއި އެ ލޭނުގައި އެ ދެ ކަންވެސް ކުރުމަށް އެކަށީގެންވާ ޖާގަ އެބަ އޮތްކަމަށް ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިނަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު ސަރުކާރުން ބުނަމުން އައީ ހިނގާ މީހުންނަށާއި ދުވާ މީހުންނަށް ޚާއްސަ ލޭނެއްގެ އިތުރުން ބައިސްކަލު ދުއްވުމަށް ޚާއްސަ ލޭނެއް ބްރިޖުގައި އޮންނާނެ ކަމަށެވެ.
އެހެން ނަމަވެސް ބްރިޖު ނިންމައި، ހުޅުވި އިރު އިންޖީނު އެޅި ވެހިކަލް ދެކޮޅަށް ދުއްވުމަށް ޖުމްލަ ހަތަރު ލޭނު ހަދާފައިވާ އިރު، ދެން އޮތީ އަރިމަތީގައި ދުވާރެއް (ޕޭވްމެންޓެއް) ފަދައިން ހަނި މަގެކެވެ. އެއީ ހިނގާ މީހުންނަށް ޚާއްސަ ލޭނެވެ. އެއާއެކު، ބައިސްކަލު ދުއްވާ މީހުންނަށް ހަދާނެ ކަމަށް ސަރުކާރުން ބުނި ލޭނާ ބެހޭ ގޮތުން ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.
"ބްރިޖުގެ ދެ ފަރާތުގައި ޗެންޗޭނު ޖަހާފައި ދެފަރާތުގައި އޮތް ލޭނަކީ ބައިސްކަލަށާއި ހިނގާ މީހުންނަށް ހަދާފައި އޮތް ލޭނު،" ސަން އޮންލައިނުގެ 50 މިނިޓު ޕްރޮގްރާމުގައި ކުރީގެ ހައުސިންގް މިނިސްޓަރު ވިދާޅުވި އެވެ.
ބްރިޖު އަޅާފައި ވަނީ ކުރިން ޕްލޭން ކުރި ފުޅާ މިނުގައި ނޫންކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ އެކި ދުވަސްވަރުގެ މަތިން ބްރިޖުގެ ޑިޒައިނަށް އެކި ކަހަލަ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި އެކަމުގެ ހުރިހާ ލިޔެކިޔުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ކޮންސެޕްޓު ހެދި އިރު ލޭނުތައް ހުރި އަދަދާއި އޭގެ ފުޅާމިން، ފަހުން އެކި މަރުހަލާތަކުގައި ބަދަލުވެގެން އައި ގޮތާއި ފަންޑިންގް ހަމަޖެހުނު ހިސާބުން ލޭނުތަކަށް އެކި ސައިޒުގެ ބަދަލު އައި،"
އަދި ސިނަމާލެ ބްރިޖު އެޅުމަށް ޗައިނާ ސަރުކާރުގެ ފަރާތުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދިން އިރު ބްރިޖުގެ ފުޅާމިން ވެސް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރު އޮތީ 20.3 މީޓަރު. މިހާރު އެ އޮތީ އެއަށް ވުރެ އެއް މީޓަރު ފުޅާކޮށްފައި،" ދާދި ފަހުން އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރުކަމަށް އެ ޕާޓީގެ ކައުންސިލުން އައްޔަނުކުރި ޑރ. މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ވެސް ބްރިޖު މަތިން ބައިސްކަލު ދުއްވަން ހާއްސަކޮށްފައިވާ ލޭނުގައި ބައިސްކަލު ދުއްވަން ފެށިފައި ނުވަނީ ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގައި އޮންނަ ބައިސްކަލު ލޭނުގެ ކަންތައް މުޅިން ނިމިފައި ނުވާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ބްރިޖު ޑިޒައިންކޮށްފައި އޮތީ ބައިސްކަލު ދުއްވަން ހުޅުވާލާ ކަމަށް ވަންޏާ ބައިސްކަލު ވެސް ދުއްވޭ ގޮތަށް،"
"ބައިސްކަލު ލޭން އެއީ ޕެޑެސްޓްރިއަން އާއި ބައިސްކަލު ދުއްވާ މީހުންނަށް އެއްކޮށް ބޭނުންކުރާ ގޮތަށް، ދެ ފަރާތަށް ދެ ލޭން. ބައިސްކަލު ދުއްވޭނެ ރީތިކޮށް ކޮންމެ ލޭނެއްގައި ވެސް. އެތަނުގައި އިންނާނެ، އަޅުގަނޑު ހަނދާންވަނީ 1.5 މީޓަރުގެ ފުޅާމިން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވާ އިރު، މި ހަފްތާގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވަނީ ބްރިޖާއި ލިންކް ރޯޑު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް ބައިސްކަލުގައި ނުވަތަ ހިނގާފައި ދެވޭނެ ގޮތްތަކެއް ހޯދުމަށް ޓަކައި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއާ ބައްދަލުކުރައްވައިފަ އެވެ.
އަދި ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް އެޅުމަށް ފަހު އެކަމަށް ހައްލެއް ހޯދޭނެކަމަށް އުންމީދުކުރައްވާކަމަށް މަހުލޫފް ވިދާޅުވި އެވެ.