ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ ނަމުގައި ނަގާފައިވާ ކޯޕަރޭޓް ކްރެޑިޓްކާޑް ބޭނުން ކުރުމުގައި އެތަންތަނުގެ ބަޖެޓުން ހަރަދުކުރެވޭ ކަންތައްތައް ނޫން އެހެން ކަންތައްތަކަށް ކާޑު ބޭނުންކުރާކަމާއި ބައެއް ތަންތަނުގެ ކްރެޑިޓްކާޑް ބޭނުންކުރުމުގައި އަމިއްލަ ހަރަދުތައް ކުރެވޭ ގޮތަށް އުސޫލު ކަނޑައަޅާފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
~
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ކޮމިޝަނަށް އެކަން ފާހަގަ ކުރެވިފައި ވީނަމަވެސް އެއް ވެސް ފަރާތަކާމެދު އަދި ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މިއަދު ދެންނެވުމެއް ނެރެން ޖެހުނީ އިދާރާތަކަށާއި މުއައްސަސާތަކުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް މިކަން ފާހަގަ ކުރެވެން ފެށުމާއެކު ސަމާލު ކަމަށް މިގެނައީ. އަދި އެއްވެސް ފަރާތަކާމެދު ފިޔަޅެއް އަޅާފައެއް ނުވާނެ،" ލުތުފީ ވިދާޅުވި އެވެ.

އޭސީސީން މިއަދު ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ފޮނުވާފައިވާ ދެންނެވުމުގައި ބުނެފައި ވަނީ ކޯޕަރޭޓް ކްރެޑިޓްކާޑުން އަމިއްލަ ހަރަދުތައް ކުރުމަކީ ކޮރަޕްޝަން މަނާކުރުމާއި ހުއްޓުވުމުގެ ގާނޫނޫގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ އަމަލެއް ކަމުގައި ބެލެވޭ ކަމަށެވެ.

އަދި އަމިއްލަ ކަންތައްތަކަށް ކާޑް ބޭނުންކުރެވޭ ގޮތަށް އުސޫލު ކަނޑައެޅުމަކީ ވެސް ގާނޫނާ ހިލާފު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އޭސީސީގެ ދެންނެވުމުގައި ވެއެވެ.

ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އޭސީސީން މިއަދު އަންގާފައި ވަނީ ކޯޕަރޭޓް ކްރެޑިޓް ކާޑް ދޫކޮށްފައިވާ ތަންތަނުގެ ބަޖެޓުން ކުރަން ޖެހޭ ހަރަދުތައް ފިޔަވައި އެހެން ބޭނުންތަކަށް ކާޑުތައް ބޭނުން ނުކުރުމަށެވެ. އަދި އަމިއްލަ ކަންތައްތަކުގައި ކާޑް ބޭން ކުރެވޭ ގޮތަށް އުސޫލުތައް ކަނޑައަޅާފައިވާ ތަންތަނުން އ ެއުސޫލު ބަދަލުކުރުމަށް ވެސް އޭސީސީން ވަނީ އަންގާފަ އެވެ.

ރާއްޖޭން ބޭރުގައި އުޅުއްވަމުން އަމިއްލަ ކަމެއްގައި ކްރެޑިޓްކާޑް ބޭނުން ކުރެއްވި ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް އިބުރާހިމް ނައީމް ވަނީ ކުރިން މީޑިޔާގައި އިއުތިރާފް ވެވަޑައިގެންފައެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ވަޒީފާ ވަނީ ގެއްލިފައެވެ.