ރިޔާޟް (އެޕްރީލް 23) : ޓެރިޒަމްގެ ކުށް ސާބިތުވެގެން މަރަން ހުކުމްކޮށްފައިވާ 37 މީހަކަށް ސައޫދީ ސަރުކާރުން މަރުގެ އަދަބު ދީފި އެވެ.

މަރުގެ އަދަބު ދިނީ އެމީހުން ބަނދެފައި ބޭތިއްބުމަށް ފަހު ކަނޑިއަކުން އެމީހުން ކަރުގައި ޖަހައި ބޯ ބުރިކޮށްލައިގެން ކަމަށް ސައޫދީ ދާޚިލީ ވުޒާރާއިން ބުނެ އެވެ. އެ ވުޒާރާއާ ހަވާލާދީ ސައޫދީ ރަސްމީ ނޫސް އެޖެންސީ ބުނީ ޓެރިޒަމްގެ ކުށް ސާބިތުވެގެން މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ 37 މީހުންގެ ތެރޭގައި މުޖްތަމައުގައި ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ފިކުރު ފަތުރަން މަސައްކަތްކުރި މީހުންނާއި އާންމުންގެ މެދުގައި ފިތްނަ އުފައްދަން މަސައްކަތްކުރި މީހުންނާއި ގްރޫޕް ހަދައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވި މީހުންގެ އިތުރުން އަމަން ނަގާލައި މުޖްތަމައު ހަލާކުގެ ތެރެއަށް ވައްޓާލައި ބިމުގައި ފަސާދަ އުފައްދަން އުޅުނު މީހުން ހިމެނޭކަމުގަ އެވެ. މި 37 މީހުންނަކީ ސައޫދީ ރައްޔިތުން ކަމަށް ވެސް އެގައުމުގެ ދާޚިލީ ވުޒާރާއިން ބުނެ އެވެ.

އަނެއްކޮޅުން ސައޫދީ ސަލާމަތީ ބާރުތަކުންވަނީ ވެރިރަށް ރިޔާޟްގެ އުތުރުން 250 ކިލޯމީޓަރު ދުރުގައިވާ ޒުލްފީ ސަރަހައްދުގައި ހުންނަ ސައޫދީ ދާޚިލީ ވުޒާރާގެ އިމާރާތަކަށް ދޭން އުޅުނު ޓެރަރިސްޓް ޙަމަލާއެއް ނާކާމިޔާބުކޮށްލިކަން ހާމަކޮށްފަ އެވެ. ހަތިޔާރުއެޅި ހަތަރު މީހަކު ދޭން އުޅުނު އެ ޙަމަލާ ނާކާމިޔާބުވީ ސައޫދީ ސަލާމަތީ ބާރުތަކުން އެމީހުންނާ ކުރިމަތިލުމުގެ ސަބަބުން ކަމަށާ އެ ކުރިމަތިލުމުގައި ހަތިޔާރުއެޅި ހަތަރު މީހުން މަރާލިކަމަށް ސައޫދީ އަމަނާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.

ސައޫދީ އަރަބިޔާއަކީ މީހުން މެރުމާއި ޓެރަރިޒަމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށާއި އަދި ރޭޕްގެ ޖަރީމާތައް ފަދަ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތަކަށް މަރުގެ އަދަބުދޭ ގައުމެކެވެ. (ނޫސްއެޖެންސީތައް)