23 Apr 2019, 21:25
ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކުރިން ވަރަށް ބާރަށް ކުރިއަށް ގެންދިޔަ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިން މައްސަލައިގެ ޝަރީއަތް ކުރިއަށް ދިޔަ ނަމަވެސް އެ މައްސަލަ ކުރިއަށް ނުގޮސް ދިގުލައިގެން ދާން ފަށައިފި އެވެ.
ކްރިމިނަލް ކޯޓްގައި މިހާތަނަށް ބޭއްވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ފެށުމުގެ ގޮތުން، ފެބުރުއަރީ 18 ގައި ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން އެދިގެން އެމަނިކުފާނު ޝަރީއަތް ނިމެންދެން ހައްޔަރު ކުރި އެވެ. އެހެން ނަމަވެސް، އެ އަމުރު އިސްތިއުނާފު ކުރުމުން މާޗް 28 ވަނަ ދުވަހު ހައިކޯޓުން އަމުރުކުރީ އެމަނިކުފާނު ދޫކޮށްލުމަށެވެ.
އެއަމުރު ނެރުނު އިރުވެސް އެމަނިކުފާނުގެ ސިއްހީ ހާލަތަށް ބެލުމަށް ފަހު ސަރުކާރުން ވަނީ މާޗް 13 ވަނަ ދުވަހު އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ހައިކޯޓުން ކްރިމިނަލް ކޯޓްގެ އަމުރު ބާތިލް ކުރުމާ އެކު އެމަނިކުފާނު އެއްކޮށް މިނިވަންވި އެވެ.
އެއަށް ފަހުވެސް އެމަނިކުފާނުގެ ޝަރީއަތް ކުރިއަކަށް ނުދެ އެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ރައީސް ޔާމީން ގެއަށް ދޫކޮށްލުމުން ވެސް އެމްޑީޕީއިން އޭރު އެކަމާ ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް، މަޖިލީހުގެ އިންތިހާބު ނިމުމުން އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ނުދާތީ އެ ޕާޓީއިން ވެސް މިހާރު ކަންބޮޑުވާތަނެއް ނުފެނެ އެވެ.
ރައީސް ޔާމީން ނިސްބަތްވާ އިދިކޮޅު ޕީޕީއެމް އިން އޭރު ތުހުމަތު ކުރި ގޮތުގައި ރައީސް ޔާމީންގެ ޝަރީއަތް އޭރު އެހާ ބާރު ސްޕީޑްގައި ދިޔައީ، އޭރު ކުރިމަތީގައި އޮތް ރައްޔިތުން މަޖިލީހުގެ އިދިކޮޅު ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސްއެޅުމުގެ ގޮތުން އެވެ.
ސަރުކާރުގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ ކުށްތައް ބަލައި ގެއްލުނު ފައިސާ ހޯދައި އެކަމުގައި ޝާމިލްވާ އެންމެންނަށް އަދަބު ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އަދި އެ މައްސަލަތައް ބަލަން ހާއްސަ ކޮމިޝަނެއް ވެސް އެކުލަވާލާފައިވެ އެވެ. ނަމަވެސް އެ މަސައްކަތްތައް އެންމެ ބާރު ސްޕީޑްގައި ކުރިއަށްދާ ގޮތެއް ނުވެ އެވެ.