ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ އާ ސަފީރު، ޔޫ ހޮންގްޔާއޮ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް މިއަދު އަރުވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޗައިނާގެ އާ ސަފީރާ ރައީސް ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ޗައިނާ ސަފީރުގެ ވާހަކަފުޅުގައި، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަމާއި، ރާއްޖޭގައި އިންވެސްޓް ކުރުމަށް ޗައިނާގެ ވިޔަފާރިވެރިން ބަހައްޓާ ޝައުގުވެރިކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގައި އެގައުމުގެ އެމްބަސީއެއް ގާއިމްކުރުމުން، ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ފަސޭހަވެގެންދާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޗައިނާ ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި ޗައިނާ ސަރުކާރުން ވެދެމުން ގެންދާ އެހީތަކަށާއި، ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތަކުގައި ޗައިނާ ސަރުކާރުން ވެދެމުން އަންނަ އެހީތަކަށްޓަކައި ޗައިނާ ސަފީރަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

މީގެއިތުރުން އަފްގާނިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ އާ ސަފީރު ޑރ. ނަންގްޔަލާއީ ތަރްޒީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އަށް މިއަދު ވަނީ އަރުވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އަފްޣާނިސްތާންގެ އާ ސަފީރާ ރައީސްއާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެއާއި އަފްޣާނިސްތާނާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ކުރިއަށް އޮތް ސާކް ސަމިޓާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.