23 Apr 2019, 19:46
ޕީޕީއެމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ލީޑާޝިޕްގައި އެއްވެސް ކަހަލަ ހިތް ހަމަ ނުޖެހުމެއް ނެތް ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުން މަޖހިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ކޮންގްރެސް ޕާޓީއާ ދެ ޕާޓީގެ މެދުގައި މައްސަލަތެއްކެ އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
މިއަދު ބޭއްވި އެކޯލިޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، ކޯލިޝަންގެ ދެ ޕާޓީގެ ދެމެދުގައި މައްސަލަތަކެއް ނެތް ކަމަށާއި ދެ ޕާޓީވެސް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ކަމަށެވެ.
"ދެޕާޓީގެ އެއްވެސް ކަހަލަ މައްސަލައެއް ނެތް. ނަމަވެސް ދެޕާޓީއެއް ކަމުގައި ވާނަމަ، ދެޕާޓީގެ ހިންގުމުގައި ހުރެދާނެ ތަފާތުތަކެއް. އެއީ ކޮންމެ ދެ ޕާޓީއެއްގައި ވެސް ހުރެދާނެ ކަމެއް. ދެޕާޓީގެ ލީޑާޝިލް ފެންވަރުގެ އެއްވެސް މައްސަލައް ނެތް،"
އަދުރޭ ވިދާޅުވީ، އެފަދަ ވާހަކަތައް ދައްކަނީ، އެ ކޯލިޝަންގެ ކަންކަން ހިނގާ ގޮތުގެ ހަގީގަތް އެނގިވަޑައިނުގަންނަވާތީ ކަމަށެވެ.
އަދުރޭ ވިދާޅުވީ، ކުރިންވެސް ދެންނެވި ގޮތަށް މިހާރުވެސް ދެ ޕާޓީ ހިންގަނީ ރައީސް ޔާމީންގެ އިރުޝާދާއެކު ކަމަށާއި ދެޕާޓީގެ ލީޑާޝިޕުގައި އެވެސް ކަހަލަ ހިޔާލުތަފާތުވުންތަކެއް ނެތް ކަމަށެވެ.
"އިއްޔެ ވެސް ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރު އަޅުގަނޑުމެން ދެ ޕާޓީގެ އިސްވެރިންނާ އެކު ރައީސް ޔާމީން ބައްދަލު ކުރައްވައި، ދެ ޕާޓީ ވެސް ހިންގެވުމުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ލަފަފުޅާއި އިރުޝާދު އަޅުގަނޑުމެންނަށް ދެއްވި. އެހެންވީމަ އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް އަޅުގަނޑުމެންގެ ތެރެއަކު ނެތް،" އަދުރޭ ވިދާޅުވިއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ އަދުރޭ ވާހަކަ ދައްކަވަނީ: އަދުރޭ ވިދާޅުވަނީ އެ ކޯލިޝަންގައި ހިޔާލުތަފާތުވުމެއް ނެތް ކަމަށް --- ސަން ފޮޓޯ
އަދުރޭ ވިދާޅުވީ، ދެ ޕާޓީއެއް ނުވަތަ ދެމީހެއް ނަމަވެސް ވިސްނުމުގައި ތަފާތުތަކެއް ހުރެދާނެ ކަމަށާއި ނަމަވެސް ދެޕާޓީގެ ފިކުރާއި އަމާޒަކީ ހަމަ އެއް އަމާޒެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ކޮންގްރެސް ޕާޓީއަކީ ރައީސް ޔާމީން ބޭނުންފުޅުވެގެން އުފެއްދެވި ޕާޓީއެއް ކަމަށާއި ރައީސް ޔާމީން ބޭނުންފުޅު ނުވި ނަމަ ކޮންގްރެސް ޕާޓީ ވުޖޫދުވެސް ނުވާނެ ކަމަށެވެ. އަދި މިހާރު އެޕާޓީ ދެމިއޮތީވެސް ރައީސް ޔާމީން ބެނުންފުޅު ވާތީ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"[ރައީސް ޔާމީން] ބޭނުންވަނީ، ޕީއެންސީވެސް ވަރުގަދަ ވާން އަދި ޕީޕީއެމްވެސް ވަރުގަދަ ވާން. އަޅުގަނޑުމެން ބޭނުން ވަނީ، 2023 ރާއްޖޭގެ ވެރިކަމާ މި ކޯލިޝަނުން ހަވާލުވާން. ހަވާލުވާން ބޭނުންވާއިރު، އިދިކޮޅު ދެ ޕާޓީއެއް އޮތިމަކީ އެއީ އަޅުގަނޑުމެންގެ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއް،" ކޯޓުގައި ހިނގައިދިޔަ ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަަ އަށްފަހު ރައީސް ޔާމީން އަދިވެސް ބޭނުންވަނީ ދެ ޕާޓީވެސް ދެ ޕާޓީގެ ގޮތުގައި ކުރިއަށް ދިއުމަށްތޯ ސުވާލު ކުރުމުން އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމް އާއި ކޮންގްރެސް ޕާޓީއާ ދެމެދު މަސައްލަތަކެއް ޖެހިފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތަކާއެކު، އިދިކޮޅު ކޯލިޝަން ނުރޫޅޭނެ ކަމުގެ ކިހާ ޔަގީން ކަމެއް އެބައޮތޯ ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ ކޯލިޝަން ނުރޫޅޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.
"100 ޕަސެންޓް ދެން. 100 ޕަސެންޓަށްވުރެވެސް ބޮޑު ޔަގީން ކަމެއް އެބައޮތް މި ކޯލިޝަން އޮންނާނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކަން. މި ކޯލިޝަން ރޫޅާލެވޭނެ ކަމުގެ ފިތުނަވެރި ވާހަކަތަކެއް ބަޔަކަށް ނުދެއްކޭނެ،" އަދުރޭ ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެ ކޯލިޝަނަށް ނާކާމިޔާބުވީ، އިންތިހާބު އިންސާފުވެރި ނުވުމުން ކަމަށާއި ސަރުކާރުން އިންތިހާބަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވި ކަމަށެވެ. އަދި އިންތިހާބު ނާކާމިޔާބު ވުމަކީ ކޯލިޝަންގެ ލީޑާޝީޕް ފެއިލް ވުން ކަމަށް ގަބޫލު ނުުކުރައްވާ ކަމަށާއި ނާކާމިޔާބުވުމުން ލީޑާޝީޕުން އިސްތިއުފާ ދޭން ޖެހޭ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.