23 Apr 2019, 16:02
ކޮލަމްބޯ (އޭޕްރިލް 23): ސްރީލަންކާއަށް މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް)އިން ނަގައިފި ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.
ރޮއިޓާސްގައިވާ ގޮތުން އައިއެސްއިން އެހަމަލާތަކުގެ ޒިންމާ ނަގާފައި ވަނީ އެޖަމާއަތުގެ ޕްރޮޕަގަންޑާ ނޫސް އޭޖެންސީ އަމާގް މެދުވެރިކޮށެވެ. ނަމަވެސް ހަމަލާދިން ކަމުގެ ހެއްކެއް އެ އޭޖެންސީން ހާމަކޮށްފައި ނުވެ އެވެ.
ކްރިސްޓިއަނުން އީސްޓާ ސަންޑޭ ފާހަގަ ކުރަމުން ދިޔަ ދުވަހެއްގައި ލަންކާގައި ދިން އަށް ހަމަލާގައި މިހާތަނަށް 321 މީހުން މަރުވެ، 500އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 38 މީހުން ހިމެނެ އެވެ.
މީގެ ކުރިން ލަންކާގެ މަޖިލިސް މެމްބަރު އަދި ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ރުވަން ވިޖެވަރުދަނަ ވަނީ އެގައުމުގެ ހަމަލާތައް ދިނީ މިދިޔަ މަހު ނިއު ޒީލޭންޑުގެ ދެ މިސްކިތަކަށް ދިން ހަމަލާގެ ރައްދެއްގެ ގޮތުން ކަމަށް ވިދާޅުވެފަ އެވެ.
"މިހާތަނަށް ކުރެވިފައިވާ ތަހުގީގުން އެނގޭ ގޮތުގައި އެހަމަލާތައް ދިނީ ނިއު ޒިލެންޑުގެ މިސްކިތްތަކަށް ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން،" ވިޖެވަރުދަނަ ވިދާޅުވި އެވެ.
މިދިޔަ މަހުގެ 15އިގައި ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ބަޑިން ދިން ހަމަލާތަކުގައި 50 މީހުން މަރުވެ 50 މީހުންނަށް އަނިޔާވި އެވެ. އެހަމަލާ ދިން ކަމަށް ބެލެވޭ އޮސްޓްރޭލިއާގެ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
ވިޖެވަރުދަނަ އިތުރަށް ވިދާޅުވި ގޮތުގައި ލަންކާގެ ހަމަލާތައް ދީފައި ވަނީ އެގައުމުގެ ދެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީތު ޖަމާއަތް (އެންޓީޖޭ) އާއި ޖަމިއްޔަތުލް މިއްލަތު އިބްރާހީމް (ޖޭއެމްއައި) ގުޅިގެންނެވެ. އެހަމަލާތަކާ ގުޅިގެން ލަންކާއިން ވަނީ މިހާތަނަށް 40 މީހުން ހައްޔަރުކޮށްފަ އެވެ.
ލަންކާގެ ހަމަލާތަކާ ގުޅިގެން އެގައުމުގައި އަމަން ބެލެހެއްޓުމަށް ފުލުހުންނާއި ސިފައިންނަށް ހާއްސަ ބާރުތައް ދިނުމުގެ ގޮތުން ރޭ އެގައުމުން ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އަދި ފާއިތުވި ދެ ރެއެކޭ އެއްގޮތަށް މިރޭވެސް 9:00 އިން ފަތިހު 4:00 އާ ހަމައަށް ކާފިއު ހިންގަން ނިންމާފަ އެވެ.