ތޫނު އެއްޗަކުން ހަމަލާދީ މަރާލި، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދިބްލޮގަރުޔާމީން ރަޝީދު މަރާލިތާ ދެ އަހަރު މިއަދަށްވީ އިރު، ދުވަހާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓްވީޓެއް ކުރައްވައިފި އެވެ.

ރަހުމް ކުޑަ ގޮތަކަށް ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރު އެޕްރީލް މަހު 23 ވަނަ ދުވަހު އެވެ. މި މަރަށް އަދިވެސް އިންސާފު ހޯދުމަށް އާއިލާއިން ގޮވަމުންދާއިރު، މި ހަމަލާގެ ފަހަތުގައި ތިބި ބަޔަކު އަދިވެސް ނުހޯދެ އެވެ.

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލި ފަހުން މިއަދަށް ދެއަހަރު ފުރުނު އިރު، ރަތް ކުލައިގެ ފުއްޕާހަމަކާއެކު ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، "ދުލެއްނުކުރާނަން" ކަމަށެވެ.

ރަތް ކުލައިގެ ފުއްޕާހަމަކީ، ޔާމީން ރަޝީދު މަރުވުމުގެ ކުރިން އެންމެ ފަހުން އޭނާ ކުރި ޓްވީޓެވެ. ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައިދިނުމަށް ކުރާ ކެމްޕެއިންގެ ނިޝާނަކީވެސް އެއީއެވެ. އަދި "ދުލެއްނުކުރާނަން" އެއީ އެ ކެމްޕެއިންގެ ޝިއާރެވެ.

ރައީސް ސޯލިހްގެ މި ޓްވީޓުން ޔާމީންގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދިއެދި ތިބި ފަރާތްތަކަށް ވަނީ ހިތްހަމަ ޖެހުން ގެނެސް ދީފަ އެވެ. އަދި ރައީސްގެ އެ ޓްވީޓާއެކު އެތަށް ބަޔަކު ރައީސް ސޯލިހަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި އެއީ އެ މީހުންނަށް ލިބުނު ހިތްވަރެއް ކަމަށް ސިފަކުރި އެވެ.

ގެއްލުވާލެފައިވާ މީހުންނާއި މާރާލެވިފައިވާ މަރުތަކުގެ ހަގީގަތް ހޯދުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި އެކަމަށްޓަކައި ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ.

ރިޔާސީ ކޮމިޝަންގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު އިއްޔެ ވިދާޅުވީ ޔާމީން ރަޝިދުގެ މަރުގެ މައްސަލަ ހިމެނޭ ގޮތަށް ބޮޑު ތިން މަރެއްގެ އަޑީގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށެވެ.

ޔާމީންގެ މަރުގެ މައްސަލައަށް ދެ އަހަރު ފާހަގަ ކުރުމުގެ ގޮތުން މިއަދު ވަނީ ހިނގާލުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.