23 Apr 2019, 15:54
ރަށްރަށުގެ ސްކޫލުތަކަށް ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ހޯދަން އިއުލާންކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖެތެރޭ ސްކޫލުތަކަށް ކޮލިފައިޑް ބިދޭސީ ޓީޗަރުން ބޭނުންވާ ކަމަށާއި ބޭނުން ވަނީ ސެކަންޑަރީ ފެންވަރުގެ ޓީޗަރުން ކަމަށެވެ.
ޖުމްލަ 38 ޓީޗަރުން ހޯދަން އެ މިނިސްޓްރީ އިން އިއުލާންކޮށްފައި ވަނީ ބިޒްނަސް އަދި ސައިންސް ސްޓްރީމްގެ މާއްދާތަކުގެ އިތުރުން އަރަބި، އާޓް، ހެލްތް އެންޑް ޕީއީ، މެކޭނިކްސް އަދި ބީޓެކް ހޮސްޕިޓާލިޓީ މާއްދާއަށެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ކުރި އިއުލާންގައި ބުނީ އިންޓަވިއުއަށް އަންނަން ޖެހިއްޖެ ހާލަތެއްގައި އަންނަން ޖެހޭނީ އަމިއްލަ ހަރަދުގައި ކަމަށެވެ. ނަމަވެސް ވަޒީފާ ލިބުމުން ދެކޮޅު ޓިކެޓް، ހުރުމާ ކެއުމުގެ ހަރަދު ވެސް ހިލޭ ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.
އެޑިއުކޭޝަން އިން ބުނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކޮންޓްރެކްޓް ހަދާ އިރު އެ ޓީޗަރު ދައްކާ ޕާފޮމަންސް އަށް ބަލައި ރަނގަޅު ނަމަ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރާނެ ކަމަށެވެ.
މިހާރު ވެސް ގެޒެޓުގައި ވަނީ ގިނަ ސްކޫލުތަކަކުން ޓީޗަރުން ހޯދަން އިއުލާންކޮށްފަ އެވެ.