19 Oct 2011, 16:05
ހއ. ފިއްލަދޫ ކައުންސިލްގެ ކުރީގެ ރައީސް މުހަންމަދު ވިޖާން ރަށު ކައުންސިލު ރައީސް ކަމުން ވަކި ނުކުރެވޭނެ ކަމަށާއި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް އެ ރަށު ކޯޓުން ކުރި ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައި ހުކުމް ކޮށްފި އެވެ.
ވިޖާންގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގައި އޭނާގެ ފަރާތުން ވަކާލާތު ކުރެއްވެވި މަޝްހޫރު ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ހައިކޯޓުން މިއަދު އެގޮތަށް ހުކުމް ކުރެއްވުމުން ވިޖާން އަކީ އަނެއްކާވެސް ފިއްލަދޫ ކައުންސިލުގެ ރައީސް ކަމަށެވެ.
"އެފަރާތުން އިސްތިއުނާފު ނުކުރާހާ ހިނދަކު ވިޖާން އަކީ އަނެއްކާވެސް ކައުންސިލުގެ ރައީސް،" އާޒިމާ ވިދާޅުވި އެވެ.
ކުރިން ފިއްލަދޫ ކޯޓުން ހުކުމް ކޮށްފައިވަނީ ވިޖާންގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. ވިޖާންގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގައި މަގާމުން ވަކިކޮށްފައި ވަނީ ފިއްލަދޫގައި ބަކަރިތަކަކާ ބަޔަކު ޖިންސީ ގުޅުން ހިންގަމުންދާ ކަމަށް ދަނޑުވެރިއަކު އެ ރަށުގެ ކައުންސިލަށް ހުށަހެޅި މައުލޫމާތު މީޑިއާއާ ހިއްސާކޮށްފައިވާ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އެ ރަށު ކައުންސިލްގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދި ކައުންސިލްގެ ރައީސަކަށް، އެ ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އާދަމް އިނާޒު ވަނީ ހޮވި އެވެ.