ކޮލަމްބޯ (އޭޕްރިލް 23): ސްރީލަންކާގައި އާދިއްތަ ދުވަހު ބޮމުގެ ހަމަލާތައް ދިނީ މިދިޔަ މަހު ނިއު ޒީލެންޑުގެ މިސްކިތްތަކަށް ދިން ހަމަލާތަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށް އެގައުމުގެ ސްޓޭޓް މިނިސްޓާ އޮފް ޑިފެންސް އަދި މަޖިލިސް މެމްބަރު ރުވަން ވިޖެވަރުދަނަ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިޖެވަރުދަނަ ވިދާޅުވި ގޮތުގައި އާދިއްތަ ދުވަހުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 321އަށް އަރާފަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 38 މީހުން ހިމެނެ އެވެ.

"މިހާތަނަށް ކުރެވިފައިވާ ތަހުގީގުން އެނގޭ ގޮތުގައި އެހަމަލާތައް ދިނީ ނިއު ޒިލެންޑުގެ މިސްކިތްތަކަށް ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން،" ވިޖެވަރުދަނަ ވިދާޅުވި އެވެ.

މީގެ އިތުރުން ވިޖެވަރުދަނަ ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަހަމަސިންހަ، އެގައުމުގެ ގައުމީ ސަލާމަތީ މަޖިލީހުގައި ބައިވެރިނުކުރާ ކަމަށާއި އެދެބޭފުޅުންނާ އިންޓެލިޖެންސް ރިޕޯޓުތައް ހިއްސާ ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 26ގައި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނަ، އެގައުމުގެ ބޮޑުވަޒީރު ކަމުން ވިކްރަމަސިންހަ ކުއްލި ގޮތަކަށް ދުރުކޮށް އެމަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރުމުން ގައުމުގައި ބޮޑު ސިޔާސީ ހަލަބޮލިކަމެއް އުފެދުނެވެ. އޭގެ ފަހުން ވިކްރަމަސިންހަ އަނެއްކާވެސް ބޮޑުވަޒީރު ކަމަށް ނަމަވެސް އެގައުމުގެ ސިޔާސީ މަސްރަހު އަދިވެސް ހަމަޔަކަށް އެޅިފައި ނުވާކަން ކަމާ ބެހޭ މާހިރުން ފާހަގަ ކުރެ އެވެ.

ލަންކާގެ ކެބިނެޓުގެ ތަރުޖަމާނު އަދި ހެލްތް މިނިސްޓަރު ރަޖިތާ ސެނަރަޓްނަ ވަނީ އެގައުމުގެ ހަމަލާތައް ދިނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ)އިން ކަމަށް ވިދާޅުވެފަ އެވެ. އަދި އެމީހުން ހަމަލާ ދިނީ ބައިނަލްއަގުވާމީ އެހީއާ އެއްކޮށް ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ މަހުގެ 15އިގައި ނިއު ޒިލެންޑުގެ ދެ މިސްކިތަކަށް ވަދެ ބަޑިން ދިން ހަމަލާތަކުގައި 50 މީހުން މަރުވެ 50 މީހުންނަށް އަނިޔާވި އެވެ. އެހަމަލާ ދިން ކަމަށް ބެލެވޭ އޮސްޓްރޭލިއާގެ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.