ސްރީލަންކާގައި ދެ ދިވެއްސަކު ގެއްލިގެން އުޅޭކަމަށް ފެތުރޭ ވާހަކައަކީ ދޮގެއް ކަމަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބެސެޑަރު އުމަރު ރައްޒާގު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްބެސެޑަރު "ސަން" އަށް ވިދާޅުވީ ދެ ދިވެއްސަކުގެއްލިގެން އުޅޭ ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އެ ދެމީހުން އެމްބަސީ އަށް ގޮސްފައިވާ ކަމަށެވެ.

"ގެއްލިގެން އުޅޭ ވާހަކައަކީ ހަގީގަތެއް ނޫން. އެމީހުންނާ އެމްބަސީ އާ ގުޅިއްޖެ. އާއިލާ އާވެސް މައުލޫމާތު ވާނީ ހިއްސާކޮށްފައި،" އެމްބެސެޑަރު ވިދާޅުވިއެވެ.

އެ ދެމީހުން މިހާރު ތިބީ ރާއްޖެ އައުމަށް އެއާޕޯޓަށް ދިޔުމުގެ މަގުމަތީގައި ކަމަށް ވެސް އެމްބެސެޑަރު ވިދާޅުވި އެވެ.

ސްރީލަންކާގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އަދި އާންމު ބޭނުންތަކަށް ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް އެގައުމުގައި އުޅޭ އާންމުންނަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.