19 Oct 2011, 15:49
އިންޑިޔާގެ ބޮޑު ވަޒީރު ހިޒް އެކްސަލަންސީ ޑރ. މަންމޯހަން ސިންހް ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރު ފުޅުގައި، ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅުއްވި އެ މައްސަލަ މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެގޮތަށް ފާސް ކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުން އެކަން ފާސް ކުރުމުން އެކަމަށްޓަކައި މެންބަރުން ޝައުގުވެރިވެ ވަޑައިގެންނެވި މިންވަރު އެނގިވަޑައިގެންފި ކަމަށެވެ. އެހެންކަމުން މަޖިލީޙުގެ ފަރާތުން އިންޑިޔާގެ ބޮޑުވަޒީރައް ދޭ އެންމެ މަތީ ޝަރަފް ދިނުމަށް ކުރަންޖެހޭ ކަންތައްތައް މަޖިލީހުގައި ހިމެނިވަޑާއިގަންނަވާ ސިޔާސީ ޕާޓީ ތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި މި މައްސަލައާމެދު ކުރިއަށްދިޔަ ބަހުސްގައި ކުރިހާ މެންބަރުން ވަނީ އެކަމަށް ތާއީދު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޑިމޮކްރަސީއެއްގައި އެ ގައުމަކަށް ވަޑައިގަންނަވާ ބޭރުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަކީ އޮންނަ އާދައެއް ކަމަށެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް މިކަން ފެށުމުގެ ގޮތުން އިންޑިޔާގެ ބޮޑުވަޒީރަށް ފުރަތަމަ ފުރުސަތު ދިނުމަކީ ވަރަށް ބޮޑު އުފަލެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، ރާއްޖެއަށް އެތައް ގޮތަކުން އެހީތެރިވެދީ، ރާއްޖެއާ އެހާ ގާތް ގުޅުމެއް އޮންނަ ގައުމެއްގެ އެންމެ އިސްވެރިއަކު މަޖިލީހުގައި ތަގުރީރު ކުރުމަކީ ލިބޭ ވަރަށްބޮޑު ފަހުރެއް ކަމަށެވެ. އަދި ރާއްޖެއަށް ދިމާވި ކޮންމެ ހާސިދާއެއްގައި، " 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ކުރިމަތިވި އުދުވާނީ ހަމަލާ އާއި 2004 ޑިސެންބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ފަދަ" ކާރިސާދަކުގައި އެންމެގާތުން ރާއްޖެއަށްއެހީތެރިވެދީފައިވަނީ އިންޑިޔާއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގެމަނަ ފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވީ، އުސޫލެއްގެގޮތުން އެކަމަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އިވޭ އަޑުތަކާ ގުޅުންހުރި ކަންތައްތަކެއް ހުރުމުން ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ ރާއްޖޭގައި ބަސްނާހާ އަދި ޑިމޮކްރެސީ އަށް އިހްތިރާމް ނުކުރާ ސަރުކާރެއް އޮތް ދުވަސްވަރެއްގައި އިންޑިއާގެ ބޮޑުވަޒީރު ވަޑައިގަންނަވާ ކަމީ ރަނގަޅު ފާލެއް ކަމަށެވެ.
" ބަސްނާހާ އަޑުނާހާ ޑިމޮކްރަސީ ގަބޫލު ނުކުރާ ސަރުކާރަށް ރަނގަޅު ފިލާވަޅެއް ދޭންޖޭނެ. އެމްބީސީ ގާނޫނަށާއި މާލިއްޔަތުގެ ގާނޫނާ ސަރުކާރުން ހިލާފުވާ ވާހަކަ ނިކަން ރަނގަޅަށް ދައްކާލަންޖެހޭނެ. އަނގަ ބަހުންނާއި ކަރުދާހުން (މަންމޯ ހަންއާ) މުއާމަލާތު ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދޭންޖެހޭނެ. އެހެންނޫންނަމަ ނިޒާމީ މައްސަލަ ނަގައިގެންވެސް މުއާމަލާތް ކުރަންޖެހިދާނެ،" ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތޮލިބު ވިދާޅުވީ ހުރިހާ ހާލަތެއްގައި ވެސް ރާއްޖެ އަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އެހެން ނަމަވެސް އިންޑިޔާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ކުރައްވާ ތަގުރީރުގައި ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށާއި ވިޔަފާރީގެ ތެރެއަށް ނުވަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ އިރު އެ މެސެޖް ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މުއްތޮލިބު ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވުމުގެ ދައުވަތު ދެއްވުމަށް ނިންމާފައިވަނީ، އަންނަ ނޮވެމްބަރު މަހުގެ 10ން 11އަށް އައްޑު އާއި ފުވައްމުލަކުގައި ބާއްވާ 17 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކެނދި ކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ހުށަހަޅުއްވާފައިވާ ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ވަނީ ބަލައިގެންފަ އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ 67 މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވަިއގެންނެވެ. އެބިލު ބަލައިގަންނަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވައި އެވެ.