23 Apr 2019, 13:03
ދިއްލީ (އޭޕްރިލް 23): އިންޑިއާގައި މިހާރު ކުރިއަށްދާ އާއްމު އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވޯޓުދެއްވައިފި އެވެ.
ހަތް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އިންޑިއާގެ އާއްމު އިންތިހާބުގައި މިއަދު 14 ސްޓޭޓެއްގެ ތަފާތު ދާއިރާތަކުން ވޯޓުލަ އެވެ. އެގޮތުން މޯދީ ވޯޓު ދެއްވާފައި ވަނީ އޭނާގެ އުފަން ސްޓޭޓް ގުޖުރާތުގެ އަހުމަދުއާބާދުގަ އެވެ.
މޯދީގެ ސިޔާސީ ހަޔާތް ފެށިގެން އައީވެސް ގުޖުރާތުންނެވެ. އެގޮތުން އޭނާ ފުރަތަމަ ގައުމީ ޕާލިމެންޓުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވީ 2014 ވަނަ އަހަރު އެސްޓޭޓުގެ ދާއިރާއަކުންނެވެ. ނަމަވެސް އެފަހަރު އުއްތަރަ ޕްރަދޭޝްގެ ވަރަނަސީގެ ގޮނޑިއަށްވެސް ވާދަ ކުރައްވައި، އެގޮނޑި ކާމިޔާބުވުމުން ގުޖުރާތުގެ ގޮނޑި ދޫކޮށްލެއްވީ އެވެ. މޯދީ މިފަހަރުވެސް ކުރިމަތިއްލައްވާފައި ވަނީ ވަރަނަސީގެ ގޮނޑިއަށެވެ.
އަންނަ މަހުގެ 19އިގައި ނިމޭ އިންޑިއާ އިންތިހާބުގެ ތިން ވަނަ ފިޔަވަހީގައި ވޯޓުލާ ސްޓޭޓުތަކުގެ ތެރޭގައި ގުޖުރާތު، ކެރަލާ، ގޯއާ، ކަރުނާޓަކާ، މަހާރަޝްތުރާ، އުއްތަރަ ޕްރަދޭޝް، ޗައްތިސްގަރު، އޮޑިޝާ، ބިހާރު، ވެސްޓް ބެންގާލް، އައްސާމް އަދި ތިން ޔޫނިއަން ޓެރިޓަރީ ހިމެނެ އެވެ.
އޭގެ ތެރޭގައި ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވާދަ ކުރައްވާ ދެވަނަ ގޮނޑި ކަމަށްވާ، ކެރަލާގެ ވަޔަނާޑްވެސް ހިމެނެ އެވެ. ގާންދީ ދެން ވާދަ ކުރައްވަނީ އޭނާ މިހާރުވެސް ތަމްސީލު ކުރައްވާ އުއްތަރަ ޕްރަދޭޝްގެ އަމެތީގެ ގޮނޑިއަށެވެ. އެދެ ގޮނޑިވެސް ކާމިޔާބުވެއްޖެ ނަމަ ގާންދީއަށް ޖެހިވަޑައިގަންނަވާނީ އެއް ގޮނޑި ދޫކޮށްލައްވާށެވެ. އަދި އެދާއިރާއެއްގައި ބައި އިލެކްޝަން ބާއްވާނެ އެވެ.
ކޮންގްރެސް ޕާޓީން ބުނާ ގޮތުގައި ގާންދީ ވަޔަނާޑްގެ ގޮނޑިއަށް ވާދަ ކުރައްވަނީ "ދެކުނުގެ ސްޓޭޓުތަކަށް އެޕާޓީން ކުރާ އިހުތިރާމު ރަމްޒުކޮށްދިނުމުގެ" ގޮތުންނެވެ. ނަމަވެސް ބީޖޭޕީން ވަނީ އެއީ އަމެތީގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ގާންދީއަށް ނެތުމުން ނިންމެވި ނިންމުމެއް ކަމަށް ބުނެފަ އެވެ. އަދި 2014 ވަނަ އަހަރު ގާންދީ އެގޮނޑި ކާމިޔާބު ކުރެއްވީ 100،000 ވޯޓުގެ ތަފާތަކުން ކަމަށާއި، އެއީ މާކުޑަ ފަރަގެއް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
އިންޑިއާގެ އާއްމު އިންތިހާބުގެ ވޯޓު ގުނުމާއި އިއުލާން ކުރުން އޮންނާނީ އަންނަ މަހުގެ 23ގަ އެވެ. އަދި އެގައުމުގެ ބޮޑުވަޒީރަކު ހޮވާނީ ޕާލިމެންޓުގެ ތިރީގޭގެ އަގުލަބިއްޔަތު ކާމިޔާބު ކުރާ ޕާޓީއަކުންނެވެ.