ށ. ނަރުދޫ ކައުންސިލްގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް ރަމަޟާން މަހާ ދިމާކޮށް އިނާޔަތްތަކެއް ދޭން ނިންމައިފި އެވެ.

ނަރުދޫ ކައުންސިލުގެ މެންބަރު މުހައްމަދު ނިޒާރު ވިދާޅުވީ ރޯދަ މަހު ރައްޔިތުން ކުރަން ޖެހޭ ހަރަދު ކުޑަކުރުމަށް އެހީތެރިވުމަށް ކައުންސިލުގެ ފަރާތުން ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ފިޔާ ބަސްތާ އެއް ދޭން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ފޯރުކޮށްދެމުންދާ ކޭބަލް ޓީވީގެ ހިދުމަތް ވެސް ރޯދަމަހު ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ނަރުދޫގައި މީހުން ދިރިއުޅޭ 87 ގެ ހުންނައިރު، އެރަށުގެ އާބާދީ އަކީ ގާތްގަނޑަކަށް 647 އެވެ. ރަށުގެ ކޮންމެ ގެއަކަށް ފިޔާ ބަސްތާ އަކާއި، ކޮންމެ ގެއަކަށް ދޭ ކޭބަލް ޓީވީގެ ހިދުމަތުން ނަގާ ފީ ރޯދަމަހު އުނިކޮށްލުމުން ރައްޔިތުންގެ ޖީބަށް ލުއިވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ރޯދަ މަހަކީ އާންމުކޮށް ހަރަދު ބޮޑު މަހަކަށްވާތީ، ކައުންސިލުގެ ނިންމީ ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޯދަ އާއި ދިމާކޮށް ބައެއް ރަށްރަށުގެ ކައުންސިލުތަކުން ރައްޔިތުންނަށް ލުއިކޮށްދިނުމަށް ކަރަންޓު ބިލު ހިލޭކޮށްދީ ކޭބަލް ޓީވީގެ ހިދުމަތް ހިލޭ ކޮށްދިނުން ފަދަ ކަންތައް ކޮށްދެ އެވެ.