ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ "ފީފާ" އިން މިއަދު އިއުލާން ކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން" ގައި ރާއްޖެ ހަތަރު ދަރަޖަ ކުރިއަށް ޖެހިލައިފި އެވެ. ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިވަގުތު އޮތީ 162 ވަނައިގަ އެވެ.

މިމަހު ރާއްޖެ ހަތަރު ދަރަޖަ ކުރިއަށް ޖެހިލިއިރު، މިދިޔަ މަހުގެ ރޭންކިންގައި ރާއްޖެ އޮތީ 165 ވަނައިގަ އެވެ. މިއަހަރުގެ އޯގަސްޓް މަހު އިޢުލާން ކުރި ރޭންކިންގައި ވެސް ރާއްޖެ އޮތީ 162 ވަނައިގަ އެވެ.

މިފަހަރު އިއުލާން ކުރި ރޭންކިންއަށް ބަލާއިރު ދެކުނު އޭޝިއާ ސަރަހައްދުގައި ރާއްޖެ ހަތަރު ވަނައިގައި އޮތްއިރު، އޮގަސްޓު މަހާއި، މިދިޔަ މަހު އިއުލާންކުރި ރޭކިންގް ލިސްޓުގައި ވެސް ރާއްޖެ އޮތީ ހަމަ ސަރަހައްދުގެ ހަތަރު ވަނައިގަ އެވެ. މިއަހަރުގެ މޭ މަހު ރާއްޖެ އަށް ދުނިޔޭގެ 148 ވަނަ ލިބުނުއިރު، މުޅި މިއަހަރު ވެސް އެންމެ ބޮޑު ނާކާމިޔާބީއަކަށް ވެގެންދިޔައީ މިދިޔަ ސެޕްޓެމްބަރު މަހު އިއުލާން ކުރި ލިސްޓުން ނެވެ.

ފީފާ ރޭންކިންގައި ތިން ދަރަޖައިގެ ކުރިއެރުމަކާއެކު މިދިޔަ މަހުގެ ދެވަނާގައި އޮތް ބަންގްލަދޭޝް ސަރަހައްދުގެ އެއް ވަނަ ހޯދިއިރު ދުނިޔޭގެ ރޭންކިންގައި އެ ގައުމު އޮތީ 141 ވަނައިގަ އެވެ. މިދިޔަ މަހު އެއްވަނާގައި އޮތް ނޭޕާލަށް ނުވަ ދަރަޖަ ފަހަތަށް ދިއުމުން އެގައުމު ވަނީ ސަރަހައްދުގެ ދެ ވަނައަށް ވެއްޓިފައެވެ.
ތިން ދަރަޖާގެ ކުރިއެރުމަކާ އެކު ސަރަހައްދުގެ ތިން ވަނައިގައި މިފަހަރު ވެސް އޮތީ އަވައްޓެރި އިންޑިއާ އެވެ. އެގޮތުން ދުނިޔޭގެ ރޭންކިންގައި އިންޑިއާ އޮތީ 160 ވަނައިގަ އެވެ.

އަވައްޓެރި ޕާކިސްތާނަށް ތިން ދަރަޖައިގެ ގެއްލުމެއް ލިބިފައިވީ ނަމަވެސް މިފަހަރުވެސް ފަސް ވަނައިގައި އޮތީ ޕާކިސްތާނެވެ. ދުނިޔޭގެ ރޭންކިންގައި ޕާކިސްތާނު އޮތީ 173 ވަނައިގަ އެވެ. އަދި އަވަށްޓެރި ސްރީލަންކާ އެއް ދަރަޖައިގެ ވެއްޓުމަކާ އެކު ސަރަހައްދުގެ ހަ ވަނައިގައި އޮތް އިރު، ދުނިޔޭގެ ރޭންކިން ލިސްޓުން އެޤައުމު ހިމެނެނީ 177 ވަނައިގަ އެވެ. އެއް ދަރަޖައިގެ ގެއްލުމަކާއެކު ސަރަހައްދުގެ ހަތް ވަނަ މަގާމުގައި އަފްޣާނިސްތާން އޮތްއިރު، ދުނިޔޭގެ ރޭންކިން ލިސްޓުގައި އެޤައުމު އޮތީ 184 ވަނައިގަ އެވެ. އަދި ސަރަހައްދުގެ އެންމެ ފުލުގައި ބޫޓާން އޮތްއިރު، އެޤައުމުން މިފަހަރު ވެސް ވަނީ އެއް ދަރަޖާގެ ކުރިއެރުމެއް ހޯދައިފަ އެވެ. ދުނިޔޭގެ ރޭންކިން ލިސްޓުގައި ބޫޓާން އޮތީ 199 ވަނައިގަ އެވެ.

ދުނިޔޭގެ ރޭންކިން ލިސްޓުގެ އެންމެ ކުރި މިފަހަރު ވެސް ހޯދި ޤައުމަކީ ސްޕެއިން އެވެ. ރޭންކިންގެ ދެވަނަ މަގާމު ހޮލެންޑަށް ލިބޭއިރު، ތިން ވަނައިގައި އޮތީ ޖަރުމަނެވެ. ހަތަރު ވަނާގައި އުރުގުއޭ އޮތްއިރު، ދެ ދެރަޖައިގެ ކުރިއެރުމަކާ އެކު ބްރެޒިލް އޮތީ ރޭންކިންގެ ފަސްވަނައިގަ އެވެ.

މިމަހުގެ ފީފާ ރޭންކިން ގައި އެންމެ ބޮޑު ކާމިޔާބީ އެއް ހޯދީ ކޮންކާކަފް ސަރަހައްދަށް ނިސްބަތްވާ ބާމިއުޑާ އެވެ. 57 ދަރަޖައިގެ ބޮޑު ކުރިއެރުމަކާ އެކު ބާމިއުޑާ ވަނީ ރޭންކިންގެ 132 ވަނަ އަށް ޖެހިލާފަ އެވެ. އެންމެ ބޮޑު ނާކާމިޔާބީ އެއް ލިބުނީ ބޮލީވިއާ އަށާއި ސައިޕްރަސް އަށެވެ. ބޮލީވިއާ އާއި ސައިޕްރަސް އަށް ވަނީ 34 ދަރަޖައިގެ ގެއްލުމެއް ލިބިފައެވެ. ރޭންކިންގެ 115 ވަނަ އަށް ބޮލީވިއާ ވެއްޓުން އިރު، ސައިޕްރަސް ވެއްޓުނީ 120 ވަނަ އަށެވެ.