23 Apr 2019, 12:03
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ ގާތުން އެއްވަރުވެ، ގަދަހަތަރެއްގައި ހަމަޖެހިލުމުގެ ފުރުސަތު ޗެލްސީއިން ނަގާލި އިރު ބާންލީގެ ފަރާތުން ފެނުނީ ފުޓުބޯޅައިގެ ރޫހާ މުޅިން ހިލާފު ކުޅުމެއް ކަމަށް ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ބުނެފި އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބުރިޖުގައި ރޭ ކުޅުނު އެ މެޗުން ޗެލްސީ އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ތާވަލުގެ ތިންވަނައަށް ޖެހިލާ ގަދަ ހަތަރެއްގައި ހަމަޖެހިލުމުގެ ފުރުސަތު ޗެލްސީއަށް އޮތެވެ. ނަމަވެސް އެ މެޗުން އެއްވަރު ވުމުން ޗެލްސީ މިވަގުތު ހަތަރުވަނާގައި އޮތީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

ޗެލްސީއާއި ބާންލީ ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން: މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެން --- ފޮޓޯ/ މެޓް ޑޯމަން
ބާކީ ތިން މެޗު ޗެލްސީއިން ކުޅެން އޮތް އިރު އެ ޓީމު މިވަގުތު ހަތަރުވަނާގައި އޮތީ 35 މެޗު ކުޅެ 67 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނާގައި އޮތް އާސެނަލުން 66 ޕޮއިންޓް ހޯދާފައިވާ އިރު ހަ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައި ވަނީ 64 ޕޮއިންޓެވެ. ނަމަވެސް އެ ދެ ޓީމަށް އިތުރު ހަތަރު މެޗު ބާކީ އޮންނާނެ އެވެ.
ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ބާންލީއިންނެވެ. މެޗުގެ ކުރީ ކޮޅު ޖެފް ހެންޑްރިކް ޖެހި އެ ގޯލާ އެކު ޗެލްސީއިން ވަނީ ކުޅުން ރަނގަޅުކޮށް ރައްދުގައި މަތި މައްޗަށް ދެ ގޯލު ޖަހައިފަ އެވެ. އެންގޯލޯ ކަންޓޭ އާއި ގޮންޒާލޯ ހިގުއައިންގެ މި ދެ ގޯލާ އެކު ޗެލްސީއިން މެޗުން މޮޅުވުމަށް ކުރަމުން އައި އުންމީދު ފުނޑުފުނޑު ކޮށްލީ އޭޝްލީ ބާނެސް ޖެހި ގޯލުންނެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުން ޖެހި ގޯލުތަކަށް ފަހު ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ އާދައިގެ ކުޅުމެކެވެ. މެޗުން މޮޅުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދިޔަ ޗެލްސީގެ ކޯޗު ވެސް ދަނޑުން ފޮނުވާލާފައިވާ އިރު އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ވެސް ވަނީ އަނިޔާވެ ބަދަލު ކުރަން ޖެހިފަ އެވެ.
ބަދަލުގައި ބާންލީގެ ފަރާތުން ފެނުނީ ހަމަޖެހިގެން ކުޅެމުން ދިޔަ މަންޒަރެވެ. ގޯލު ޖެހުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެ ޓީމުން ބޮޑު އިސްކަމެއް ދިނީ އެ ނަތީޖާގައި މެޗު ނިންމާލުމަށެވެ. އެގޮތުން ގަޑި ދުއްވުމާއި ޗެލްސީގެ ކުޅުން ހަލާކު ކޮށްލުމަށް ބާންލީއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ވަނީ މެޗަށް ފަހު ވަރަށް ބޮޑަށް އެކަމާ ފާޑު ކިޔައިފަ އެވެ.
"އަހަރަމެން މޮޅުވާން ވަރަށް މަސައްކަތް ކުރިން. އެކަމަކު މެޗުން މޮޅުވާން ބޭނުން ނުވާ ބަޔަކާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވި. މުޅި މެޗުގައި ވެސް ލިބުނު ދެ ފުރުސަތުން ދެ ގޯލު ޖެހުމަށް ފަހު އެމީހުން އުޅުނީ ފުޓުބޯޅަ ކުޅޭކަށް ނޫން،" ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑޭވިޑް ލުއިޒް ބުންޏެވެ.
"އެއީ ފުޓުބޯޅައިގެ ރުޙާ ވެސް މުޅިން ހިލާފު ކަންކަން. ވަގުތު ބޭކާރު ކުރުން ވެސް އިންތިހާއަށް! އަހަރަމެން އަތަށް ބޯޅަ ލިބޭ އިރަށް އެ ޓީމު ކޮންމެސް ކުޅުންތެރިއަކު އޮންނަނީ ވެއްޓިގަނެފައި."
މީގެ އިތުރުން ޓީމުގައި ތިބި 11 ކުޅުންތެރިން އެއްކޮށް ފަހަތަށް ފައިބައިގެން ޑިފެންޑު ކުރަމުން ދިޔަ ކަމަށާއި އެއީ ފުޓުބޯޅަ ކުޅުން ނޫން ކަމަށް ލުއިޒް ބުންޏެވެ.