23 Apr 2019, 11:17
ތެހެރާން (އެޕްރީލް 23) -- އީރާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް ކޮންޓްރޯލް ކުރުމަށްޓަކައި ގުޅިފައިވާ ލަޝްކަރެއް އެކުލަވާލުމަށް އެދެގައުމުން އެއްބަސްވެއްޖެ އެވެ.
މިކަމަށް އެއްބަސްވީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އީރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އީރާނުގެ ރައީސް ޑރ. ހަސަން ރޫހާނީ އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގަ އެވެ. މިމަޝްވަރާތަކަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އިމްރާންހާން ވިދާޅުވީ އީރާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގަކީ ދެގައުމަށްވެސް މުހިންމު ތަނެއްކަމުން އެތަނުގެ އަމަން ބެލެހެއްޓުމަށް އީރާނާއި ޕާކިސްތާން ސިފައިންގެ ހާއްސަ ލަޝްކަރެއް އެކުލަވާލުމަށް ދެ ލީޑަރުންނަށް އެއްބަސް ވެވުނު ކަމަށެވެ.
މި ލަޝްކަރު ބިނާކުރާނީ ރެޕިޑް ޑިޕްލޮއިމެންޓް ފޯސްއެއްގެ ގޮތުގައި ކަމަށް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ކަމަށްވެސް އިމްރާންޚާން ވިދާޅުވި އެވެ.
އިމާރްންހާން އީރާނަށް ކުރައްވާ މިދަތުރުފުޅުގައި އީރާނާއި ޕާކިސްތާނުގެ މަސްއޫލުވެރިން ވަނީ އިގްތިސާދާއި ވިޔަފާރިއާއި ހަކަތައިގެ ދާއިރާއާއި ސިނާއަތުގެ ދާއިރާއާއި ސިއްހަތާއި ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުގައި އެއްބާރުލުމާބެހޭ ގިނަ އަދަދެއްގެ އެއްބަސްވުންތަކެއް ސޮއިކުރައްވާފަ އެވެ. އަދި ޕާކިސްތާނުގެ އެންމެ ބޮޑު ބަނދަރު ކަމަށްވާ ގުއާދަރު ބަނދަރާއި އީރާނުގެ އެންމެ ބޮޑު ބަނދަރު ކަމަށްވާޖަބްހާރު ބަނދަރު ރޭލްވޭއަކުން ގުޅާލުމުގެ އެއްބަސްވުމެއްގައިވެސް ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރެއްވި އެވެ.
އީރާނަށް ވަޑައިގެން ދެއްވި ބަޔާނެއްގައި އިމްރާން ޚާން ވަނީ އީރާން އެކަހެރި ކުރުމަށާއި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާ ހިންގާ އެއްވެސް ހަރަކާތަކަށް ޕާކިސްތާނުން އެއްބާރުލުން ނުދޭނެ ކަމަށް ވިދާޅުވެފައެވެ.
އިމްރާން ޚާނާއި އީރާނުގެ ރައީސް ހަސަން ރޫހާނީގެ މަޝްވަރާތައް ބިނާކުރެއްވި މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ މައްސަލައިގެ އިތުރުން އަފްޣާނިސްތާނުގެ މައްސަލައާއި ފަލަސްތީނުގެ މައްސަލައާއި ކަޝްމީރުގެ މިނިވަންކަމުގެ މައްސަލައާއި އެނޫންވެސް ބައެއް މައްސަލަތައް ހިމެނޭކަމަށް އީރާނުގެ މީޑިޔާ ބުނެއެވެ. އިމްރާންޚާން މިއަދުގެ ވަގުތެއްގައި އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި އާއި ބައްދަލުކުރައްވާނެ އެވެ. (ނޫސްއެޖެންސީތައް)