ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑަށް ސަޕޯޓް ކުރަން ތައްޔާރަށް ހުރި ކަމަށް ލިވަޕޫލްގެ މިޑްފީލްޑަރު ޖޭމްސް މިލްނާ ބުނެފި އެވެ.

މާދަމާ ރޭ މެންޗެސްޓާ ޔުނައިޓެޑާއި އެ ޓީމާ އެންމެ ވާދަވެރި މެންޗެސްޓާ ސިޓީ ބައްދަލު ކުރާ މެޗުން ސިޓީ ބަލިވެއްޖެ ނަމަ މިއަހަރުގެ ލީގު ތަށި ލިބުން އެންމެ ގާތީ ލިވަޕޫލްއަށެވެ. ނަމަވެސް ސިޓީ މޮޅުވެއްޖެ ނަމަ އެ ތަށި އެ ޓީމަށް ލިބުމާ ގާތް ވާނެއެވެ.

ބާކީ ހަތަރު ވަރަކަށް މެޗު ލީގުގައި ބާކީ އޮތް އިރު ލިވަޕޫލްއާއި މެންޗެސްޓާ ސިޓީއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. މި ދެ ޓީމުން އެއްވަނައަށް ހަނގުރާމަ ކުރަމުން އަންނަ އިރު މެޗަކަށް ފަހު މެޗެއް ދެ ޓީމުން ވެސް އަންނަނީ ކާމިޔާބު ކުރަމުންނެވެ.

މިވަގުތު އެއް މެޗު އިތުރަށް ކުޅެ ލިވަޕޫލުން ކުރީގައި އޮތް އިރު ސިޓީން ކުރިއަށް އޮތް ހަތަރު މެޗުގެ ތެރެއިން އެންމެ މެޗަކުން ޕޮއިންޓެއް ބޭކަރު ކޮށްލި ނަމަވެސް ލިވަޕޫލަށް އެކަމުގެ ފައިދާ ނަގަން ފުރުސަތު ލިބޭނެ އެވެ. ކުރިއަށް އޮތް ތިން މެޗަކީ ވެސް ޖުމްލަކޮށް ލިވަޕޫލަށް ފަސޭހަ ތިން މެޗެވެ. ނަމަވެސް ސިޓީއަށް ކުރިއަށް އޮތީ ވަރުގަދަ މެޗެކެވެ.

ފޯމުގައި އޮތް ސިޓީއަށް މި ސީޒަނުގައި ވެސް ކުރިމަތިލާން ޖެހޭނެ އެންމެ ޕްރެޝަރު ބޮޑު މެޗު މާދަމާ ރޭ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ އިރު ލިވަޕޫލްގެ ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް އެދި އެދި ތިބޭނީ ޔުނައިޓެޑް މޮޅުވުމަށެވެ. ނަމަވެސް ޒަމާނުއްސުރެ ލިވަޕޫލްއާއި މެންޗެސްޓާ ޔުނައިޓެޑަކީ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ އަދި ވާދަވެރިކަމުގެ ދިގު ތާރީހެއް އޮތް ދެ ޓީމެވެ.

އެގޮތުން ކުޑައިރުން ފެށިގެން ޔުނައިޓެޑާ ދެކޮޅަށް ސަޕޯޓް ކުރަމުން އައި ލިވަޕޫލްގެ މިޑްފީލްޑަރު ޖޭމްސް މިލްނާއަށް އެ މެޗު ވެގެންދަނީ މުޅިން ތަފާތު ތަޖުރިބާއަކަށެވެ. މީގެ ކުރިން ދުވަހުކުވެސް ސަޕޯޓް ކޮށްފައި ނުވާ ޔުނައިޓެޑަށް ހިތާ ދެކޮޅަށް ނަމަވެސް ސަޕޯޓް ކުރަން އޭނާ އަށް ވަނީ މަޖުބޫރު ވެފައެވެ.

"މިއީ އަހަރެންގެ ހަޔާތުގައި ވެސް ޔުނައިޓެޑަށް ސަޕޯޓް ކުރާ ފުރަތަމަ ފަހަރު" މިލްނާ ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑަށް ސަޕޯޓް ކުރި ނަމަވެސް މެޗު ނުބަލާނެ ކަމަށެވެ.

"އަހަރެން އެ މެޗެއް ވަގުތުން ނުބަލާނަން. ފޯނު ވެސް ދެތިން ގަޑި އިރަށް ދުރުގަ ބާއްވައިގެން މެޗާ ދޭތެރޭ ނުވިސްނާ ވޭތޯ ބަލާނީ. ކުރާނެ ނުކުރާނެ ކަމެއް ވެސް އަދި ނޭނގިގެން މިއުޅެނީ އެގަޑީގަ."

ލިވަޕޫލަށް އެންމެ ފަހުން އިނގިރޭސި ލީގު ކާމިޔާބު ކުރެވިފައި ވަނީ 1990 ވަނަ އަހަރު އެވެ. އެއަށް ފަހުން ލިވަޕޫލްއަށް ތަށި ހޯދަން ލިބުނު ފުރުސަތުތައް ކޮންމެ ފަހަރަކުވެސް ފަހު ވަގުތު ހިތްދަތި ގޮތަކަށް ވަނީ ގެއްލިފަ އެވެ.