ކޮލަމްބޯ (އޭޕްރިލް 23) -- ސްރީލަންކާއަށް މިދިޔަ އާދިއްތާ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަަދަދު 310 އަށް އަރައިފި އެވެ.

ލަންކާގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި އެހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ ކަމަށް ބެލެވޭ 25 މީހުން ހިމެނެ އެވެ. އަދި މިހާތަނަށް ބޭރު މީހުންކަން ޔަގީންވެފައިވާ ފަރާތްތަކުގެ ތެރޭގައި އިންޑިއާގެ ތިން މީހުންނާއި ޕޯޗުގަލްގެ މީހަކާއި ތުރުކީގެ ދެ މީހަކާއި އިނގިރޭސި ތިން މީހަކާއި އެމެރިކާގެ ދެ މީހަކު ހިމެނެ އެވެ.

އެމިނިސްޓްރީން އިތުރަށް ބުނި ގޮތުގައި އެހަމަލާތަކުގައި 480 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 19 މީހުން ހިމެނެ އެވެ.

ލަންކާގައި އާދިއްތަ ދުވަހު ދިން ބޮމުގެ އަށް ހަމަލާއެއް އަމާޒުކޮށްފައި ވަނީ ތިން ފައްޅިއަކަށާއި ހަތަރު ހޮޓަލަކަށެވެ. އަށް ވަނަ ބޮން ގޮއްވާލީ، އެހަމަލާއާ ގުޅިގެން މީހަކު ހައްޔަރު ކުރަން ފުލުހުން ދިޔަ ޑެމަޓަގޮޑާގެ ގެއެއްގަ އެވެ. އެހަމަލާތަކާ ގުޅިގެން ލަންކާ ފުލުހުން ވަނީ މިހާތަނަށް 40 މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުސް ލަންކާ މީހުން ކަމަށްވެސް އެގައުމުން ބުންޏެވެ.

ލަންކާގެ ކެބިނެޓުގެ ތަރުޖަމާނު އަދި ހެލްތް މިނިސްޓަރު ރަޖިތާ ސެނަރަޓްނަ އިއްޔެ ވިދާޅުވި ގޮތުގައި އެހަމަލާތައް ދިން ކަމަށް ބެލެވެނީ އެގައުމުގެ ހަނގުރަމާވެރި ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ)އިންނެވެ. އަދި އެމީހުން ހަމަލާ ދިނީ ބައިނަލްއަގުވާމީ ނެޓްވޯކެއްގެ އެހީއާ އެކު ކަމަށް ވަނީ ޝައްކުކޮށްފަ އެވެ.

ލަންކާއިން ވަނީ މިއަދަކީ ގައުމީ ހިތާމަފާޅު ކުރުމުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފަ އެވެ. އަދި ގައުމުގެ އަމަން ބެލެހެއްޓުމަށް ފުލުހުންނާއި ސިފައިންނަށް ހާއްސަ ބާރުތައް ދިނުމުގެ ގޮތުން ރޭ ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.