19 Oct 2011, 15:21
އުނދަގޫ މެޗަކަށް ވިޔަސް، ނިއުރޭޑިއަންޓާ ދެކޮޅަށް ޓީމް ނުކުންނާނީ މެޗް ކާމިޔާބުކޮށް ފައިނަލުން ޖާގައެއް ހޯދަން ކަމަށް ވީބީ ސްޕޯޓްސް ކުލަބްގެ ކޯޗް ޖޭން ވަންލީ ބުނެފިއެވެ.
ހުސްވި އަހަރުގެ ޗެމްޕިއަންކަން ހޯދި ވީބީ މިރޭ ނިއުއާ ދެކޮޅަށް ނުކުންނައިރު، ކޯޗު ވަންލީ ބުނީ، މިރޭގެ މެޗު ސިފަކުރެވެނީ ފައިނަލް މެޗެއްގެ ގޮތުގައި ކަމަށާއި އެގޮތުން މެޗަށް ޓީމް ނުކުންނާނީ ހުސްވި އަހަރުގެ ކާމިޔާބު މިއަހަރުވެސް ހޯދުމުގެ ފުރިހަމަ އަޒުމުގައި ކަމަށެވެ.
"މިރޭގެ މެޗަކީ ވީބީއަށް ފައިނަލް މެޗެއް. މެޗް ވަރަށް މުހިންމު. ގިނަ ލަނޑުތަކެއް ކާމިޔާބު ނުކުރެވުނަސް، ބޭނުމީ މެޗް ކާމިޔާބު ކޮށް ފައިނަލުން ޖާގައެއް" ކޯޗް ވަންލީ ބުންޏެވެ.
ވަންލީ ބުނީ، މުބާރާތުގެ ތިން ވަނަ ސެމީގައި މިރޭ ނިއުއާ ދެކޮޅަށް ނުކުންނަން ޖެހުނީ ފުރަތަމަ މެޗުގައި ހެދުނު ގިނަ ގޯސްތަކެއްގެ ސަބަބުން ވިކްޓަރީ އަތުން ބަލިވެގެން ކަމުގައި ވިޔަސް، މިރޭގެ މެޗްގައި އެކަންތައްތައް ކުޅުންތެރިންގެ ފަރާތުން ތަކުރާރު ނުވާނެ ކަމަށް އަޒުމް ކަޑައަޅައިގެން ނެވެ.
"މުބާރާތުގެ ފުރަތަމަ ސެމީގައި ވިކްޓަރީ އަތުން ދެ ލަނޑު އެއްލަޑުން ބަލިވީ ކުޅުންތެރިން ފަރުވާކުޑަވުމުގެ ސަބަބުން. މިރޭގެ މެޗްގައި އެކަންތައްތައް ރަނަގަޅު ވާނެ. މިދިޔަ އަހަރު ހޯދި ތަށި މިއަހަރުވެސް ހޯދަން ބޭނުން" ވަންލީ ބުންޏެވެ.
ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނީ، ފައިނަލުން ޖާގައެއް ހޯދަން މިރޭ ނިއުއާ ދެކޮޅަށް ނުކުންނައިރު ޓީމްގެ އެންމެ އުންމީދީ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަނގަޑޭ) ނެތް ތަންކޮޅު ދެއްކި ކަމުގައި ވިޔަސް، ވީބީގެ އަމާޒަކީ މޮޅުވުން ކަމަށެވެ. އަދި ވިކްޓަރީ މެޗްގައި ބެންޗުގައި އިން ފޯވާޑް އައްސަދު އަލީ (އަޑުބަރޭ) ވެސް މިރޭގެ މެޗުގައި ފެންނާނެ ކަމަށް ސަތޯ ބުންޏެވެ.
ފައިނަލުން ޖާގަ ހޯދަން މިރޭ ވީބީއާ ދެކޮޅަށް ނުކުންނަ ނިއު އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސަސްޕެންޝަނުގެ ސަބަބުން ދެވަނަ ސެމީ ފައިނަލްގައި މާޒިޔާ އަތުން ނިއު މޮޅުވި މެޗުގައި ނުކުޅެވުނު އަހުމަދު ތޯރިގް (ޓޮމް) އަށް ކުޅެވުމެވެ.
ވީބީ އާއި ނިއު ވަނީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ތިން ވަނަ ސެމީ ފައިނަލްގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 5- 0 އިން ކާމިޔާބުކުރީ ވީބީ އެވެ.