ސްރީލަންކާގައި ދިވެހި ދެ އާއިލާއެއް ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަކުން ބޮމެއް ފެނިއްޖެއެވެ.

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގު މިރޭ "ސަން" އަށް ވިދާޅުވީ އެ ބޮން ފެނުނީ މައުންޓް ލެވީނިއާގައި ދިވެހި ދެ އާއިލާއެއް ދިރިއުޅޭ އެޕާޓްމަންޓް ބިލްޑިންއެއްގެ 11 ވަނަ ފްލޯއިން ކަމަށެވެ.

އެ ބޮން ފެނުނީ މީގެ ފަސް ގަޑިއިރު ކުރިން ކަމަށާއި ލަންކާގެ ސަލާމަތީ ބާރުތަކުން ރައްކާތެރިކަމާއެކު އެބޮން ނައްތާލާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"އެ ބޮން ފެނުނު ވަގުތު އެޕާޓްމަންޓުތަކުން މީހުން ބޭރަށް ނުނިކުތުމަށާއި އަދި އިތުރަށް އެއްވެސް މީހަކު އެޕާޓްމަންޓަކަށް ނުވަނުމަށް ލަންކާގެ ސަލާމަތީ ބާރުތަކުން އެންގި،" އުމަރު ވިދާޅުވިއެވެ.

ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި 290 އަށް ވުރެ ގިނަ މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ލަންކާ ގައި 15000 އެއްހައި ދިވެހިން އެކި ބޭނުންތަކުގައި ދިރިއުޅެމުންދާއިރު، އިއްޔެގެ ހަމަލާތައް ދިން ސަރަހައްދުތަކަކީ އާންމުކޮށް ދިވެހިން ދިރިއުޅެމުންދާ ސަރަހައްދުތަކެވެ. އިއްޔެގެ ހަމަލާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބެއެވެ.

ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގައި ރޭ ވަނީ ކާފިއު ހިންގައިފައެވެ. މިރޭ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ނިންމާފައިވާއިރު، ކާފިއު ހިންގަންވެސް ވަނީ ނިންމައިފައެވެ.

ލަންކާގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 24 މީހުން ވަނީ ހައްޔަރުކޮށްފައެވެ. ހަމަލާތައް ދީފައިވަނީ ބައިނަލް އަގުވާމީ ނެޓްވޯކެއްގެ އެހީގައި ކަމަށް އެގައުމުގެ ބިނެޓުގެ ތަރުޖަމާނު އަދި ހެލްތް މިނިސްޓަރު ރަޖިތާ ސެނަރަޓްނަ މިއަދު ވިދާޅުވިއެވެ.