23 Apr 2019, 08:23
ގައުމުގައި ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 35،000 ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރީ ވޭތުވެ ދިޔަ ހަފްތާ ތެރޭގަ އެވެ. އެއާއެކު އާންމުންގެ ގިނަ ބަޔެއްގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. މައްސަލައަކީ ވެރިންނަށް ސުމާރެއް ނެތް ވަރުގެ ބޮޑެތި އިނާޔަތްތަކެއްދޭ އިރު އާންމު ރައްޔިތު މީހާ ގަނަތެޅެން ޖެހޭތީ އެވެ.
އިއްޔެ ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތިން ބިލެއް އޮތީ މެންބަރުކަން ކުރާ ބޭފުޅުންނަށް މިހާރަށް ވުރެ ބޮޑެތި އިނާޔަތްތަކެއް ލިބޭނެ ގޮތަށެވެ. މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު މުރާޖައާކޮށް މަޖިލިސް މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް އިތުރު އިނާޔަތްތަކެއް ހޯދާށެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބުން ފެއިލްވެ، ގޮނޑި ދެން ނުލިބޭނެ ކަން ޔަގީންވެފައި ތިއްބެވި، ދެ މެންބަރަކު ހޯދަން ހުށަހެޅުއްވި އިނާޔަތްތަކުގެ ތެރޭގައި މަޖިލިސް މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމާއި، މެމްބަރުކަން ކޮށްފައިވާ މީހުންގެ އިތުރުން އެމީހުންގެ އަނބިދަރިންނަށް ހެލްތު އިންޝުއަރެންސް ހަމަޖެއްސުން ފަދަ ކަންކަން ހިމެނެ އެވެ.

މަޖިލީހުގެ އިމްތިޔާޒު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މުސްތަފާ އަދި އަބްދުއްލަތީފް --- ސަންފޮޓޯ
އެގޮތަށް ބިލު ހުށަހެޅުމުން އާންމުގެ ފާޑު ކިޔުން ސޯޝަލް މީޑިއާއަށް ބަންޑުންވީ ހަގީގަތުގައި ސަބަބުތައް ހުރީމަ އެވެ. މެންބަރުކަން ކުރުމަކީ އަދި ދުނިޔެ ހިތަކަށް ލިބުމެއް ނޫނެވެ. އަދި އެއީ ތާއަބަދަށް ދައުލަތުގެ ހަޒާނާއިން އެ މީހަކަށް ހަރަދު ކުރަން އޮތް ސަބަބެއް ވެސް ނޫނެވެ.
"މީދެން ބޮޑު ކަމެއްނު. މި މަތީ މީހުންނަށް ބަހާފައި އާދައިގެ ރައްޔިތަކަށް ދޭނެ އެއްޗެއް އޮންނާނެ ހެނެއް ހިޔެއް ނުވޭ. މިހުރިހާ އެއްޗެއް ދޭން މިޖެހެނީ މި މީހުން ކޮން ފަދަ ހިދުމަތެއް ކޮށްދީގެންތަ؟،" ކުރީގެ މެންބަރުންނަށް އިތުރު އިނާޔަތްތައް ދޭ ބިލާ މެދު ހިތްހަމަ ނުޖެހިގެން މީހަކު ޓްވީޓްކުރި އެވެ.
"އަދިވެސް މިމީހުންނަށް މިއުޅެނީ އެއްޗެހި ނުލިބިގެން. ދެން ކޮބާ ރައްޔިތުންގެ ހައްގު. ސަރުކާރަށް 20 އަހަރު ހިދުމަތް ކޮށްފައި ތިބި މީހުންނަށް އެލަވަންސް ބޮޑުކޮށްދިނިއްޔާ މާ ރަނގަޅުވާނެ. އަދި ރަމަޟާން މަހު އިނާޔަތު ފައިސާ މުވައްޒަފުންނަށް ބޮޑުކޮށްދިނަސް މާ ރަނގަޅުވާނެ ތިޔަބުނާ މެމްބަރުންނަށް އިނާޔަތް ދިނުމަށް ވުރެ."
ނިސްބަތުން މަޖިލިސް މެންބަރުންނަށް މިހާރު ވެސް ރައްޔިތުންގެ ބައިތުލް މާލުން ކުރާ ހަރަދުތައް ވަރަށް ވެސް ބޮޑެވެ. އަދި ކުރީގެ މެންބަރުންނަށް ވެސް އެހާމެ ބޮޑެތި އިނާޔަތްތަކާއި އިމްތިޔާޒުތައް އޮންނަނީ ގާނޫނުގެ ތެރެއިން ހޯދައިދީފަ އެވެ.
މިހާރު ވެސް އޮންނަ ގޮތުން މަޖިލީހުގެ މެމްބަރުކަން އެއް ދައުރު ކުރުމުން އެލަވަންސްގެ ގޮތުގައި 25،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހެ އެވެ. އެއީ އަތުން ފައިން ކަމެއް ނުކުރިޔަސް ލިބޭނެ ފައިސާ އެވެ. އަދި ދެ ދައުރު ފުރިހަމަކޮށް ވަކިވާ މެމްބަރުންނަށް 38،000 އަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ. އޭގެ އިތުރުން ވެސް ހިމާޔަތާއި ރައްކާތެރިކަމުގެ ގޮތުން ލިބޭ އިނާޔަތްތަކެއް ވެސް ހުރެ އެވެ.
އެކަމަކު ސިވިލް ސާވިސް މުވައްޒިފަކަށް އިނާޔަތް ލިބޭނީ މެދުކެނޑުމެއް ނެތި 20 އަހަރު ސަރުކާރަށް ހިދުމަތް ކުރީމަ އެވެ. އެއީ ވެސް ކިރިޔާ ކައިގެން ބޮއިގެން އުޅެލެވޭ ވަރުގެ ފައިސާ ކޮޅެކެވެ. އެކަމަކު މިއީ އިންސާފުގެ ތިލަފަތަކުން ކިރާއިރު، ބޭއިންސާފުގެ އިންތިހާ އެވެ.
"سبحان اللهހާދަހާ އަމިއްލަ އެދުން ބޮޑު ބައެކޭ. ރައްޔިތުން ނިކަމެތި ހާލުގައި އުޅޭއިރުވެސް މިމީހުންގެ އިނާޔަތްތައް ބޮޑު ނުވެގެން. ދެން ކިހިނެއް މިމީހުން އިހުލާސްތެރިވާނީ."ރައްޔިތެއް
"ހުރިހާ އެއްޗެއް މަޖިލިސް މެމްބަރުންނަށް. ނިކަމެތިންނަށް މިއުޅެނީ ޒަރޫރީ ކަންކަން ކިރިޔާ ފުއްދާލެވިގެން. ކަންކަމަށް ސަލާން ޖަހަން ޖެހިފައި މި ތިބެނީ،" މީހަކު ބުންޏެވެ.
މަޖިލީހުގެ މެންބަރުން ކިތަންމެ އިއްޒަތްތެރި ނަމަވެސް، ރައްޔިތުން އުޅެން ޖެހިފައި އޮތް މަޖުބޫރީ ހާލަތާ މެދު ވިސްނަން ވެއްޖެ އެވެ. އިނާޔަތްތަކާއި ބާރުތައް ހޯދަން މަޖިލީހަށް ހުށަހަޅައި އަމިއްލަޔަށް ފާސްކުރާ އިރު ރައްޔިތުންނަށް ފައިދާއެއްވާ ކަމަކަށް އެތައް ވަގުތެއް އިސްރާފުކޮށްލަ އެވެ. ބަހަނާއަކަށް އޮންނަނީ ބިލްތައް ރަނގަޅަށް ދިރާސާކުރަން ޖެހޭތީ ވަގުތު ނަގާނީ ކަމަށް ބުނެ އެވެ. އެކަމަކު އެއީ ހުސްބަހަނާ ނޫން ދެވަނަ ދެކަމެއް ނޫނެވެ.
މަޖިލީހުގެ އުނގޫފާރު ދާއިރާއަށް އިންތިހާބުވި މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވި ގޮތުގައި މަޖިލިސް މެމްބަރުން އެމީހުން އަމިއްލަޔަށް އެމީހުންގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް
"މަޖިލިސް މެމްބަރުން އަމިއްލައަށް އެމީހުންގެ މުސާރަ އާއި ލިބިދެވޭނެ ޢިނާޔަތްތައް ކަނޑައެޅުން ހުއްޓުވެން ޖެހޭ. އަދި މިނިވަން މުސްތަޤިއްލު ޕޭ ކޮމިޝަނެއް އުފެއްދި ދައުލަތުގެ ވަޒީފާތަކުގެ މުސާރަ އާއި އާމްދަނީ އާއި ޢިނާޔަތްތައް ލިބުމުގައި ހުރި ބޮޑު ފަރަގު ނައްތާލެވެން ޖެހޭ." ވައްޑޭ ވިދާޅުވި އެވެ. ވައްޑޭގެ ހިޔާލާއި އެމްޑީޕީގެ ތަޖުރިބާ ހުރި ޕާލިމަންޓޭރިއަނުންގެ ހިޔާލު ވެސް އެއްގޮތެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މެމްބަރު ކަމުން ވަކިވާ މީހުންނަށް އިނާޔަތް ހޯދަން އިއްޔެ މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓު ނުދެއްވާނެ ކަމަށެވެ. އަދި އެ ބިލު ފާސް ނުވާނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ އެ ބިލާ ދެކޮޅު ހައްދަވައިފަ އެވެ. ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް މެމްބަރު މުސްތަފާ އަދި މެމްބަރު ލަތީފު ހުށަހެޅުއްވި އިސްލާހުތަކަށް ތާއީދު ނުކުރާ ކަމަށެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެ ބިލަށް އެމްޑީޕީއިން ނެރޭނީ ރަތް ވިޕްލައިނެއް ކަމަށެވެ.
އެމްޑީޕީ އިން އެ ބިލާ ދެކޮޅަށް ވިޕްލައިނެއް ނެރުނަސް އަދި މަޖިލީހުގައި އޮތީ އެމްޑީޕީގެ ބާރެއް ނޫނެވެ. އިމްތިޔާޒު ތަކާ ބެހޭ ގާނޫނަށް ހުށަހެޅި އެ އިސްލާހުތައް ފާސްވުމުގެ ފުރުސަތު އަދި އޮތީ ވަރަށް ވެސް ބޮޑުކޮށެވެ. އެކަމަކު، ރައްޔިތުން އެދެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގު ނުކުރެއްވުމެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމިއްލަފުޅަށް އިނާޔަތްތައް ހޯދަން ހުށަހަޅުއްވައިގެން ދައުލަތުގެ ހިތަށް އަރާހާ އިނާޔަތްތައް ހޯދުމަކީ އިންސާފެއް ނޫނެވެ. އެއީ ކަން އޮންނަން ޖެހޭ ގޮތެއް ވެސް ނޫނެވެ. އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހިތް ފުރޭނީ ކޮން ދުވަހަކުން ހެއްޔެވެ؟