ހދ. ނޭކުރެންދޫ، އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ އެސޯސިއޭސަން ފޯ ނޭކުރެންދޫ ޑެވެލޮޕްމަންޓްގެ ފަރާތުން ފުޓްސަލް މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮން ހުޅުވާލައިފި އެވެ.

މި ދެ މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެޖަމްއިއްޔާގެ މީޑިއާ ކޯޑިނޭޓާ ހާމިދު ރަޝީދު ބުނީ، ފުޓްސަލް މުބާރާތުގައި އަށް ޓީމް ވާދަކުރާނެ ކަމަށް ލަފާކުރެވޭއިރު، ނެޓްބޯޅަ މުބާރާތުގައި ހަތަރު ޓީމެއް ވާދަކުރާނެ ކަމަށެވެ.

"ފުޓްސަލް މުބާރާތުގައި މިފަހަރު އަލަށް ވާދަކުރާނެ ވައިކަރަދޫ ޓީމެއް. ބާކީ ޓީމް ތަކަކީ ކުރިން އަހަރުވެސް މުބާރާތުގައި ވާދަކުރި ޓީމްތައް. ރާއްޖޭގެ އެއްވަނަ ޑިވިޝަންގަ ކުޅޭ ކުޅުންތެރިންވެސް މުބާރާތުގައި ކުޅޭނެ،" ހާމިދު ބުންޏެވެ.

އޭނާ ބުނީ، ފުޓްސަލް ކަޕް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި ނެޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށް ވެސް އޭނަ ބުންޏެވެ.

ފުޓްސަލް މުބާރާތުގެ ޗެންޕިއަން ޓީމަށް 3000ރ. ދޭއިރު ރަނަރަޕް ޓީމަށް 1500ރ. ދެއެވެ. އަދި ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަން ޓީމަށް 800ރ. ދޭއިރު ރަނަރަޕް ޓީމަށް 400ރ. ދެ އެވެ.