ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ސްރީލަންކާއަށް މިހާރު ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލު އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައާ ބައްދަލު ކުރައްވައިފި އެވެ.

ޚާއްސަ މަންދޫބެއްގެ ގޮތުގައި ރައީސް ސޯލިހު، ޚަލީލް ފޮނުއްވީ އެގައުމުގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގައުމުގެ ސަރުކާރަށް އެއްބާރުލުންދީ، އެ ގައުމުގައި ދިރިއުޅޭ ދިވެހީންގެ ހާލު ބެއްލެވުމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުކުރެއްވުމުގައި، އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ސަރުކާރުން ލަންކާއާއެކު ތިއްބެވިކަމަށް ހާމަ ކޮށް، ރައީސް ސޯލިހްގެ ފަރާތްޕުޅުން ހަމްދަރުދީގެ މެެސެޖެއް ޚަލީލް ރައްދު ކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެ އިން ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު، އުމަރު އަބްދުލްރައްޒާގު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ މަންދޫބު، ހަލީލް ވަނީ އެގައުމުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްޝައާ ވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރު އެ ދެބޭފުޅުން ވަނީ އެގައުމުގެ ފޮރިން ސެކްރެޓަރީ، ރަވިނަތަ އަރްޔަސިންހައާ ވެސް ބައްދަލު ކުރައްވާފައެވެ.

ރައީސް މަންދޫބާއި ދިވެހި ސަފީރު، ލަންކާގެ ކުރީގެ ރައިސްއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ލަންކާގައި އިއްޔެ ހިނގައިދިޔަ ބޮން ގޮއްވުމުގެ ހަމަލާތަކުގައި އަށް ސަރަހައްދެއްގައި ބޮންގޮއްވައި، މަރުވި މީހުންގެ އަދަދު ވަނީ 290 އަށް އަރާފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 500 އާ ގާތްކުރެއެވެ. މި ހަމަލާތަކުގައި އެގައުމުގެ 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ލަންކާގައި ހިނގައިދިޔަ ހަމަލާތަކާ ގުޅިގެން އެގައުމުގައި ވަނީ މިރޭ ކާފިއު ހިންގުމުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވެސް ނިންމާފަ އެވެ. އަދި ސަލާމަތީ ކަންތައް ވަރުގަދަކޮށް އާންމުން ދިރިއުޅޭ ގެތައް ބަލަން ވަނީ ފަށާފައެވެ.

ލަންކާ ސަރުކާރުގެ ކެބިނެޓްގެ ތަރުޖަމާނު ރާޖިތަ ސެނެރަތްނަ މިއަދު ވިދާޅުވިގޮތުގައި، ހަމަލާތައް ދީފައިވަނީ ބައިނަލް އަގުވާމީ ނެޓްވޯކެއްގެ އެހީގައެވެ.

ލަންކާގެ ސަރުކާރުން ވަނީ، ހަމަލާތަކާ ގުޅިގެން މާދަމާ އަކީ ގައުމީ ހިތާމަ ފާޅު ކުރުމުގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.