ކޮލަމްބޯ (އޭޕްރިލް 22): ސްރީލަންކާގައި އިއްޔެ ދިން ހަމަލާތަކުގައި ފެޝަން ކުންފުނި އެސޮސްގެ ވެރިޔާ އެންޑާސް ހޯލްޗް ޕޮވަލްސަންގެ ތިން ކުދިން މަރުވި ކަމަށް އެއާއިލާގެ ތަރުޖަމާނަކު ބުނެފި އެވެ.

ލަންކާގައި އިއްޔެ އަށް ސަރަހައްދަކަށް ހަމަލާ ދީފައިވާ އިރު އޭގެ ތެރޭގައި ތިން ފައްޅި އާއި ތިން ހޮޓަލާއި ޑެމަޓަގޮޑާގެ ގެއެއް ހިމެނެ އެވެ. ނަމަވެސް ޑެންމާކަށް ނިސްބަތްވާ ޕޮވަލްސަންގެ ހަތަރު ކުދިންގެ ތެރެއިން ތިން ކުދިން މަރުވީ ކޮން ހަމަލާއެއްގައި ކަމަށް އާއިލާއިން ހާމަ ނުކުރެ އެވެ.

"ތިން ކުދިން މަރުވިކަން ޔަގީންކޮށްދެވިދާނެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ދެވެން ނެތް. އަދި އާއިލާގެ ޕްރައިވެސީއަށް އިހުތިރާމު ކުރުމަށް އެދެން،" ޕްރެސް އެސޯސިއޭޝަނާ ވާހަކަ ދައްކަމުން އާއިލާގެ ތަރުޖަމާނަކު ބުންޏެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޕޮވަލްސަން އާއި އޭނާގެ އާއިލާ ލަންކާއަށް ދިޔައީ ޗުއްޓީ ހޭދަ ކުރުމަށެވެ. އަދި މީގެ ހަތަރު ދުވަސް ކުރިން ޕޮވަލްސަންގެ އެއް ކުއްޖަކު ވަނީ ލަންކާއިން ނަގާފައިވާ ކަމަށް ބެލެވޭ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފަ އެވެ.

ޕޮވަލްސަންއަކީ ޑެންމާކްގެ އެންމެ މުއްސަނދި މީހާ އެވެ. އަދި އޭނާ އާއި އަންހެނުން އޭން ސްކޮޓްލެންޑުން ގަނެފައިވާ ބިމުގެ ބޮޑުމިން 200،000އަށް އަރަ އެވެ. އެމީހުން އެބިންތައް ގަނެފައި ވަނީ ކޮންޒަވޭޝަން ޕްރޮޖެކްޓެއްގެ ދަށުން ކަމަށާއި، އެއީ ކުރިއަށް އޮތް ޖީލުތަކަށް ބިންތައް ރައްކާތެރިކޮށްދިނުމަށް ކަމަށް ގާޑިއަންގެ ރިޕޯޓެއްގައިވެ އެވެ.

ލަންކާގައި އިއްޔެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 290އަށް ވުރެ އިތުރުވެފަ އެވެ. އަދި މަރުވި މީހުންގެ ތެރޭގައި 36 ބިދޭސީން ހިމެނޭ އިރު އޭގެ ތެރޭގައި އިންޑިއާ، ޕޯޗުގަލް، އިނގިރެސިވިލާތް، އެމެރިކާ، ތުރުކީ އަދި ޖަޕާންގެ ރައްޔިތުން ހިމެނެ އެވެ.

ލަންކާއިން ތުހުމަތު ކުރާ ގޮތުގައި އެހަމަލާ ދިނީ އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ)އިންނެވެ. އަދި އެމީހުން ހަމަލާ ދިނީ ބައިނަލްއަގުވާމީ ނެޓްވޯކެއްގެ އެހީއާއެކުގަ އެވެ. އެހަމަލާތަކާ ގުޅިގެން ލަންކާއިން ވަނީ މިހާތަނަށް 24 މީހުން ހައްޔަރުކޮށްފަ އެވެ. އަދި އިތުރު ތަހުގީގަށް ބޭރުގެ އެހީއަށް އެދޭނެ ކަމަށް ވަނީ ބުނެފަ އެވެ.