19 Oct 2011, 15:11
މަސްތުވާތަކެތީގެ ބޮޑު ތިން ރަށުގެ ގޮތުގައި ހއ. ދިއްދޫ ވާހަކަ ވިދާޅުވެވުނީ އޮޅިވަޑައިގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު ހަވާސާގައި ސަން އޮންލައިންގެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ ފަހުން ދިއްދުއަށް ކުރެއްވެވި ދަތުރުފުޅުގައި އެރަށުގެ ބައެއް މީހުންނާއެކު ދެކެވުނު ވާހަކަތަކުގެ ތެރޭގައި ރާއްޖޭގައި މަސްތުވާތަކެތި ބެނުންކުރާ ބޮޑު ތިންރަށުގެ ގޮތުގައި ހއ. ހޯރަފުއްޓާއި، އެއަތޮޅު ދިއްދުއާއި، ގދ ގައްދޫގެ ވާހަކަ ވިދާޅުވިއިރު ދިއްދޫގެ ވާހަކަ ގެނެވުނީ އެމަނިކުފާނަށް އޮޅިވަޑައިގެން ކަމަށެވެ.
ނިއުސް ކޮންފަރެންސްގައި ވެސް ދިއްދޫ "ޒުވާބާ" ބެހޭ ގޮތުން ރައީސް ކޮންމެވެސް ވަރަކަށް އަލި އަޅުވައިލެއްވެވި އެވެ. ވިދާޅުވީ ދިއްދޫގައި ހިނގައި ދިޔަ ހާދިސާގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންނާއެކު ދެކެވުނު ވާހަކަތަކަކީ ސީދާ އެމަނިކުފާނު ދެއްކެއްވި ވާހަތަކެއްކަމަށާއި އެކަމާ ގުޅޭ 27 މިނެޓް ވީޑިއޯއެއް އޮތުމުން އެމަނިކުފާނު ވެސް އެކަމާ ދެކޮޅު ނުހައްދަވާ ކަމަށެވެ. ނަމަވެސް ވިދާޅުވީ އެކަމާބެހޭ ވާހަކަތައް މީޑިޔާއިން ގެނައުމުގައި ނޫސްވެރިން ވެސް ޒިންމާދާރުވާން ޖެހޭނެ ކަމަށެވެ. ޒިންމާދާރު ނޫން ގޮތަކަށް އެ ހާދިސާއާބެހޭ ގޮތުން ނޫސްވެރިން ގެނެސްދިނީ ކޮން ވާހަކަތަކެއް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެކިއެކި މީހުންނާ މުއާމަލާތްކޮށް މަޝްވަރާކޮށް ހައްދަވާ ބޭފުޅެއް ކަމަށާއި "އަބަދު އެއްބާވަތަކަށް އެއްގޮތަކަށް ހުރެގެން ވަހަކަދައްވާ، ކަން ކުރައްވާ ބޭފުޅެއް ނޫން" ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ދައްކަވަނީ އެވަގުތެއްގެ ހަލާތާ ގުޅޭގޮތުން ދައްކަން ޖެހޭ ވާހަކަތައް ކަމަށެވެ.
"ދިއްދުއަކީ އަޅުގަނޑާ ވަރަށް ކައިރި ވަރަށް ގާތް ރަށެއް. ދިއްދޫ ރައްޔިތުންގެ ފަރާތަކުންނެއް އަޅުގަނޑާ ނުރުހޭ އެއްބަސް ނުވެވޭ ބޮޑު ކަންތައްތަކެއް ނޯންނާނެ. މިއަދު އަޅުގަނޑުމެން ދިއްދޫގެ ވޯޓަކަށް ދިޔަސް ވަރަށް ސާދާކަމާއެކު އަޅުގަނޑުމެން ކާމިޔާބުކުރާނެ ކަމަކީ އޮޅިފައި އޮތްކަމެއް ނޫން،" ރައީސް ވިދާޅު ވިއެވެ.
ރައީސް ނަޝީދު މިދިޔަމަހު ފަހުކޮޅު ދިއްދޫގެ ބަޔަކާ ކުރެއްވި "ޒުވާބެއް" ކަމަށް ބުނާ އޯޑިއޯގައި އެ މަނިކުފާނުވަނީ ދިއްދުއަކީ ރާއްޖޭގައި މަސްތުވާތަކެތީގެ އެންމެ ބޮޑު ތިން ރަށުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށް ވިދާޅު ވެފައެވެ
ދިއްދޫ ބަނދަރުމަތީގައި ހުންނަ "އިލާފަތި" ރެސްޓޯރެއްޓުގައި ރައީސް ނަޝީދާއެކު ޒުވާނުން ބޭއްވި ބައްދަލުވުމެއްގައި މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދު ކުރުމަށް އެމްޑީޕީގެ ސަރުކާރުން ވެފައިވާ ވައުދާއެކު ދިއްދޫގައި ތިބި މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުންނަށް ސަރުކާރުން އެހީވަމުންދާ ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ. އަދި ރާއްޖޭގައި "ފަތްބޯ މީހުން" އެންމެ ގިނައިން އުޅެނީ ހއ. ދިއްދު އާއި ހޯރަފުއްޓާއި ގދ. ގައްދޫގައި ކަމަށް ވެސް ވިދާޅުވި އެވެ.
ބައްދަލުވުން ޒުވާބަކަށް ބަދަލުވެ ހޫނުވާން ފެށުމުން ރައީސް އަރިހު އެ ރަށަށް ވަޑައިގަތް ބޭފުޅުންގެ އިޝާރާތަށް ރައީސް ނަޝީދު ވަނީ އެ ބައްދަލުވުން ދޫކުރައްވައި ރެސްޓޯރެންޓުން ނުކުމެވަޑައިގެންފަ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ