14:30


ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އަލްއުސްތާޛު ނ.ތ. ޙަސަންދީދީ އަވަހާރަވުމާ ގުޅިގެން އެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ، މި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެ ބޭފުޅުންނާ މިއަދު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


އަލްއުސްތާޛު ނ.ތ. ޙަސަންދީދީ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވުމަށްފަހު، ރޭ މެންދަމު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގަ އެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.


އަލްއުސްތާޛު އަލްމަރްޙޫމް ނ.ތ. ޙަސަންދީދީ އަކީ 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރިކަމާއެކު ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ ތަފާތު މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ފުރުއްވާފައިވާ މުހިންމު ބައެއް މަގާމުތަކުގެ ތެރޭގައި، މަދަރުސަތުލް ފަރީދިއްޔާގެ ފިރިހެން ގޮފީގެ ނާޒިރުގެ ނައިބު ކަމާއި، ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ވަކީލު ކަމާއި، ހުވަދުއަތޮޅުގެ އަތޮޅުވެރިކަމާއި، ވަޒީރުލްއަޢުޡަމް އޮފީހުގެ ޚާއްޞަ ވަކީލުކަން ހިމެނޭ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓަރީ ކަމާއި، ވިޔަފާރި މިއަދުގެ އެޑިޓަރ ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެގެ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ވަކީލު ކަމާއި، ސީނިއަރ އަންޑަރ ސެކްރެޓަރީ ކަމާއި، ޑިރެކްޓަރ އޮފް އެކްސްޓެންޝަން ސަރވިސަސް ކަމުގެ މަގާމުވެސް ފުރުއްވާފައިވެ އެވެ. ނ.ތ. ޙަސަންދީދީ އެންމެފަހުން ހުންނެވީ، އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރ ކަމުގެ މަގާމުގަ އެވެ.


އަލްއުސްތާޛު އަލްމަރްޙޫމް ނ.ތ. ޙަސަންދީދީ އަކީ "މިނިވަން 25"ގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ދިވެހި ދައުލަތުގެ އިސް މަގާމުތަކެއްގައި، ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވުމާއެކު، އެކަމުގެ އަގު ވަޒަން ކުރައްވައި، މިއަދުގެ ސަރުކާރުން ޙަސަންދީދީއަށް ވަނީ "ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް" އަރުވާފަ އެވެ. މި ލަޤަބް ޙަސަންދީދީއަށް ދެއްވައި، އެކަމުގެ ލިޔުން ޙަވާލުކުރެއްވީ، މިއަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.


އަލްއުސްތާޛު އަލްމަރްޙޫމް ނ.ތ. ޙަސަންދީދީއަކީ ވަރަށް ކުރިއްސުރެ ކަނޑުގެ މާޙައުލަށް ޝައުޤުވެރިކަން ބަހައްޓަވައިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ވެލާ ކަހަނބު ރާއްޖޭގައި މަދުވެދާނެ ކަމަށްޓަކައި 1970ގެ އަހަރުތަކުން ފެށިގެން ގިނަ ބަޔަކަށް އެކަން އޮޅުންފިލުއްވައި ދެއްވަން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިކަމުގެ ހެތްކަކަށް 1993 ވަނަ އަހަރު އޭނާ އެކުލަވައިލެއްވި "ދިވެހިރާއްޖޭގައި އުޅޭ ވެލާ" މިފޮތް ހިމެނެ އެވެ. އަދި ހުވަދުއަތޮޅުގެ ތާރީޚާއި ހިނގި ބައެއް ކަންތައްތަކުގެ މަޢްލޫމާތު ހިމަނުއްވައިގެން ކުރީގެ "ހުވަދޫ އަތޮޅު" މިނަމުގައިވެސް އޭނާވަނީ ފޮތެއް ލިޔުއްވާފަ އެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ ތަޖްރިބާކާރެއް ކަމަށްވާ މަޝްހޫރު ބުޓާނީ ރާއްޖެއަށް ޒިޔާރަތް ކުރެއްވިއިރު، އޭނާގެ އަރިހުގައި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ދަނޑުވެރިކަން ތަރައްޤީ ކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ޙަސަންދީދީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ކަނޑުގެ ތަޙުލީލުތައް ކުރުމުގައި މުޅި ދުނިޔެއަށް މަޝްހޫރު ބޭފުޅެއް ކަމަށްވާ ޔަކް ކުސްޓޫ، 1960ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވިއިރު، އެ ތަޙުލީލުތައް ކުރެއްވުމުގައި، އޭނާގެ އަރިހުގައި ސަބްމެރީންގައި މަސައްކަތް ކުރެއްވި ހަމައެކަނި ދިވެހި ބޭފުޅަކީ ނ.ތ. ޙަސަންދީދީ އެވެ. މާލޭ ސަލްޓަންޕާކް ފަރުމާ ކުރައްވައި، އެތަން ހުޅުވިގެން އައިއިރު، އެތަނުގެ ކަންތައްތައް ބެލެހެއްޓެވުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީވެސް ޙަސަންދީދީ އެވެ.


މީގެއިތުރުން އަލްމަރްޙޫމް ނ.ތ. ޙަސަންދީދީއަކީ ކުރެއްސެވުމުގެ ރޮނގުންނާއި، ފޮޓޯ ނެންގެވުމުގެ ރޮނގުންވެސް ވަރަށް ފަންނީ ބޭފުޅެކެވެ. ނޭޝަނަލް އާޓް ގެލެރީން މިއަހަރު ބޭއްވެވި ފުރަތަމަ މަޢްރަޒު ޚާއްޞަ ކުރެއްވީ، އަލްއުސްތާޛު ނ.ތ. ޙަސަންދީދީގެ ކުރެހުންތަކާއި ފޮޓޯތަކުގެ މައްޗަށެވެ.


އަލްމަރްޙޫމް ނ.ތ. ޙަސަންދީދީއަށް ލިބިވަޑައިގަތީ 5 ބޭފުޅުން. އެއީ، 4 ފިރިހެން ބޭފުޅުންނާއި، އަންހެން ބޭފުޅެކެވެ. އަންހެން ބޭފުޅާވަނީ މިދިޔަ އަހަރު އަވަހާރަވެފަ އެވެ.