22 Apr 2019, 16:46
ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާއެކު އެގައުމުގެ ސަމާލަތީ ކަންތައް ވަރުގަދަކޮށް އާންމުން ދިރިއުޅޭ ގެތައް ބަލަން ފަށައިފިއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ލަންކާގައި ދިވެހީން ދިރިއުޅޭ ގެތައް ހިމެނޭހެން އެގައުމުގައި އާންމުން ދިރިއުޅޭ ގެތައް ބަލަމުންދާ ކަމަށެވެ.
"ރެންޑޮމް ޗެކްތަކެއް ކުރިއަށްދަނީ. އޭގެ ތެރޭ ދިވެހިން އުޅޭގެތައްވެސް ހިމެނޭ،"
އިއްޔެގެ ހަމަލާތަކާގުޅިގެން ގެއިން ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި 290 އަށް ވުރެ ގިނަ މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ލަންކާ ގައި 15000 އެއްހައި ދިވެހިން އެކި ބޭނުންތަކުގައި ދިރިއުޅެމުންދާއިރު، އިއްޔެގެ ހަމަލާތައް ދިން ސަރަހައްދުތަކަކީ އާންމުކޮށް ދިވެހިން ދިރިއުޅެމުންދާ ސަރަހައްދުތަކެވެ. އިއްޔެގެ ހަމަލާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބެއެވެ.
ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގައި ރޭ ވަނީ ކާފިއު ހިންގައިފައެވެ. މިރޭ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ނިންމާފައިވާއިރު، ކާފިއު ހިންގަންވެސް ވަނީ ނިންމައިފައެވެ.
ލަންކާގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 24 މީހުން ވަނީ ހައްޔަރުކޮށްފައެވެ. ހަމަލާތައް ދީފައިވަނީ ބައިނަލް އަގުވާމީ ނެޓްވޯކެއްގެ އެހީގައި ކަމަށް އެގައުމުގެ ބިނެޓުގެ ތަރުޖަމާނު އަދި ހެލްތް މިނިސްޓަރު ރަޖިތާ ސެނަރަޓްނަ މިއަދު ވިދާޅުވިއެވެ.
މާދަމާއަކީ ގައުމީ ހިތާމަ ފާޅު ކުރުމުގެ ދުވަހެއްގެ ގޮތުގައި ލަންކާ ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.