ޖިނާއީ މައްސަލަތަކުގައި އިންޑިޔާ އާއި ރާއްޖެ، އެއްގައުމުން އަނެއް ގައުމަށް އެހީވުމާބެހޭ އެއްބަސް ވުމުގައި ސަރުކާރުން ސޮއި ކޮށް ތަސްދީގު ކުރުމުގެ ރުހުން ރައްޔިތުންގެ މަޖިލީހުން މިއަދު ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް އިންޑިޔާ އެންޑް ދަ ރިޕަބް ލިކް އޮފް މޯލްޑިވްސް އޮން މިއުޗުއަލް ލީގަލް އެސިސްޓަންޓް އިން ކްރިމިނަލް މެޓާސް ގައި ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވައި ތަސްދީގު ކުރުމުގެ މައްސަލަ" ދިރާސާ ކުރުމަށްފަހު ގައުމީ ސަލާމަތާބެހޭ ކޮމިޓީން މަޖިލީހަށް ހުށަހަޅައި ބަހުސް ކުރުމަށްފަހު އެކަމަށް ރުހުން ދިނުމަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެކަމަށް ރުހުން ދޭން ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވި އެވެ.

އެ މައްސަލައަށް ކުރިއަށްދިޔަ ބަހުސްގައި ގިނަ މެންބަރުން އެކަމަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ނަމަވެސް އެ މައްސަލައާ ގުޅިގެން ކަންބޮޑުވުންތަކެއްހުރި ކަމަށް ވެސް ބައެއް މެންބަރުން ފާހަގަ ކުރެއްވި އެވެ.

ކެލާ ދާއިރާގެ މެންބަރު ޑރ. އަބުދުﷲ މައުސޫމު ވިދާޅުވީ މިއީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވެސް ފުރިހަމަކަމެއް ލިބޭނެކަމެއް ކަމަށެވެ. އެހެން ކަމުން އެކަން ކުރުމަށް ފާސްކުރަން ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ވިދާޅުވީ އެއީ ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ބިރެއް އޮތް ކަމެއްނޫން ކަމަށެވެ. އަދި އެއީ ދެ ގައުމެއްގެ ދެމެދުގައި ހިނގާ ގާނޫނީ މައްސަލަތައް ބަލައި ޝަރުއީ މަރުހަލާގައި އޮންނަ ކަންތައްތައް ހިންގޭނީ އެކަހަލަ މުއާހަދާއެއް އޮވެގެން ކަމަށެވެ. އެހެން ނޫންނަމަ ކުރިއަށް އޮތް ތަނުގައި އެކިއެކި ތަހުގީގު ކުރަން ބޭނުންވާ ކަންކަން ކުރުމަށް ބޭނުންވާ ވަސީލަތްތައް ގެންގުޅުމުގައި ރާއްޖެއަށް ދަތިތައް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ގެމަނަ ފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވަނީ އެ މައްސަލައާމެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ރިޔާޒު ރަޝީދު ވިދާޅުވީ އެ ރިޕޯޓް ހުށަހެޅިރުވެސް ބައެއް މެންބަރުންގެ ކަންބޮޑުވުންތައް އޮތަ ކަމަށެވެ. އަދި ކަންބޮޑުވާންޖެހޭ ސަބަބަކީ ރާއްޖޭގައި ކުރަމުންދާ ވިޔަފާރިތަކަށް ބޭރުގެ ފަރާތްތަކުން ވަނުމުގެ ފުރުސަތު އެފަދަ ބައެއް މުއާހަދާ ތަކުގައި ބައިވެރިވުމުގެ ސަބަބުން ލިބޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ބޭރުގެ އެފަދަ ފަރާތްތަކުން ރާއްޖޭގައި ހިންގަމުންދަނީ މެގަ ޕްރޮޖެކްޓްތަކެއް ނޫނެވެ. އަދި އެފަރާތްތަކުން އެންމެ އާދައިގެ ވިޔަފާތިތައް ހިންގުމުގެ ސަބަބުން ރާއްޖޭގެ މެދު ފެނަތީގެ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކަށް ނުރައްކާވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެއާޕޯޓްގައި ޑިއުޓީ ފްރީ ވިޔަފާރިތައް ކުރަމުންއައި ދިވެހިން އެތަނުން ބޭރު ކުރުމަށް ޖީއެމްއާރުން ނިންމާފައިވާ ކަމަށެވެ.

އިލްހާމް ވިދާޅުވީ، އެ މައްސަލައާމެދު ކޮންމެވެސް ވަރަކަށް ހިޔާލުތަފާތުވުން އުޅޭތީ މައްސަލަ އަލުން ދިރާސާ ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވުމަކީ މުހިއްމުކަމެއް ކަމަށެވެ.

"ސަބަބުތަކެއް އެބަހުރި ފުރަތަމަ ކަމަކީ ޖުމްލަ މިކަމަށް (މައްސަލަ ދިރާސާ ކުރުމަށް) 40 މިނިޓް ހޭދަކޮށްފަ އޮތީ. ދެތިން މެންބަރުން ތިއްބަވައިގެން މިކަން ނިންމަވާފަ މި ވަނީ. އެހެންކަމުން މަސައްކަތް ކޮށްފައިވާ ވަގުތާ މަޖިލީހުގައި މަސައކަތް ކުރަމުން އަންނަ އުސޫލަށް ބަލާއިރު އެއަށް މަސައްކަތް ކޮށްފައިވާ ވަގުތުކޮޅު ވަރަށްކުޑަ،" އިލްހާމް ވިދާޅުވި އެވެ.