ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވެ ގަދަ ހަތަރެއްގައި ހަމަޖެހިލަން ލިބުނު ފުރުސަތު އާސެނަލުން ނަގާލި އިރު ކާޑިފް ސިޓީ ގާތުން މޮޅުވެ ލިވަޕޫލް ވަގުތީ ގޮތުން އެއްވަނައަށް ޖެހިލައިފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން އެ ޓީމު ބަލިވެފައި ވަނީ 2-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ބައްޔާ އެކު އާސެނަލް ތާވަލުގެ ހަތަރުވަނައިގައި އޮތީ 34 މެޗު ކުޅެ 66 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް އެ އެ ޓީމުގެ ފަހަތުގައި އޮތް ޗެލްސީއާއި ޔުނައިޓެޑް ވެސް އޮތީ އެއް ޕޮއިންޓް ނުވަތަ ދެ ޕޮއިންޓްގެ ކުޑަ ފަރަގެއްގެ ތަފާތުގަ އެވެ.

ވިލްފްރިޑް ޒަހާ އާސެނަލް ކޮޅަށް ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ/ ޕެޓްރިކް ރިޖް

ރޭގެ މެޗުން މޮޅުވެގެން ތާވަލުގެ ތިންވަނައަށް ޖެހިލާ ގަދަ ހަތަރެއްގައި ހަމަޖެހިލަން އާސެނަލަށް ލިބުނު ނަމަވެސް އެ މެޗުން ލިބުނު ބައްޔާ އެކު އެ ޓީމަށް ވަނީ އިތުރު ހާސްކަމެއް ކުރިމަތި ވެފައެވެ.

ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައި ވާ އިރު ބާކީ އޮތް ހަތަރު މެޗުގެ ތެރެއިން އެއް މެޗުން ބަލިވިޔަސް ފުރުސަތު ގެއްލުމާ ވަރަށް ގާތެވެ.

ރޭގެ އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ކްރިސްޓަލް ޕެލަސްއިންނެވެ. ކްރިސްޓިއަން ބެންޓެކޭގެ އެ ގޯލާ އެކު އާސެނަލްއިން ވަނީ ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އެ ނަތީޖާގައި އޮވެގެންނަވެ.

ދެވަނަ ހާފު ފެށިގެން ކުޑަ އިރަކޮޅެއްގެ ތެރޭގައި އާސެނަލް އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ މެސުޓް އޮޒިލް އެވެ. އޮޒިލްގެ ގޯލާ އެކު ކްރިސްޓަލް ޕެލަސްއިން ވެސް ޓީމު ކުރިއަށް ޖައްސައި ހަމަލާތައް އުފައްދަން ފެށިއެވެ.

އެގޮތުން އެ ޓީމުން ވަނީ ރައްދުގައި ދެ ގޯލު ޖަހައި އާސެނަލްއަށް ސިހުން ގެނެސްފަ އެވެ. މި ދެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިލްފްރިޑް ޒަހާއާއި ޖޭމްސް މެކްއާތާރ އެވެ.

ކްރިސްޓަލް ޕެލަސްގެ ގޯލާ އެކު އާސެނަލް އިން ގޯލެއް ޖަހަން މަސައްކަތް ކުރިއެވެ. އެގޮތުން އެމެރިކް އޮބަމަޔެންގް ވަނީ މެޗު ނިމުމުގެ ކުރިން އާސެނަލަށް ގޯލެއް ޖަހައިދީފަ އެވެ.

މި މެޗުގެ އިތުރުން ކާޑިފް ސިޓީ ބަލިކޮށް ލިވަޕޫލްއިން ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލި މެޗަކީ ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗެކެވެ. ލިވަޕޫލްއިން އެ މެޗު ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް --- ފޮޓޯ/ ރޮބް ލެންކެސްޓާ

އެއް މެޗު އިތުރަށް ކުޅެ ލިވަޕޫލްއިން އެއްވަނައިގައި އޮތް ނަމަވެސް ކުރިއަށް އޮތް މެޗުން މެންޗެސްޓާ ސިޓީއިން މޮޅުވެއްޖެ ނަމަ ލިވަޕޫލް އެނބުރި ދެވަނައަށް ވެއްޓޭނެ އެވެ.

ރޭގެ މެޗުގައި ލިވަޕޫލްއަށް ގޯލުތައް ޖަހައިދިނީ ޖިޖީ ވައިނަލްޑަމްއާއި ޖޭމްސް މިލްނާ އެވެ.