19 Oct 2011, 14:18
އަނިޔާގައި ހުރި އާސެނަލްގެ ބެލްޖިއަމް ޑިފެންޑަރު ތޯމަސް ވެމަލިން ދިގު މުއްދަތެއްގައި އެކުލަބުގައި މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފި އެވެ. ވެމަލިން އާސެނަލް އަށް އިތުރު ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ކުޅުމަށް ވަނީ ސޮއިކޮށްފައެވެ.
އުމުރުން 25 އަހަރުގެ ވެމަލިން އާސެނަލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ނަމަވެސް ވެމަލިން އަށް ލިބެމުން ދިޔަ އަނިޔާ ތަކާއި ގުޅިގެން އާސެނަލްގެ ޑިފެންސް ލައިނަށް ގިނަ މައްސަލަތަކެއް ކުރިމަތި ވެފައި ވެއެވެ.
"އާސެނަލްގައި އަހަރެން މިހިރީ އުފަލާއެކު. މިހާރު އަހަރެން ވާނީ ކުލަބާއެކު އާކޮންޓްރެކްޓެއްގައި ސޮއިކޮށްފަ. ކުލަބުގެ ކޯޗާއި، ކުޅުންތެރިން އަދި ސަޕޯޓަރުންގެ ފަރާތުން އަހަރެންނަށް އެއްބާރުލުން ލިބެމުންދޭ. އާސެނަލް އަކީ މޮޅު ކުލަބެއް. ކުލަބުގައި ތިބި ޒުވާން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ." އާސެނަލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވެމަލިން ބުންޏެވެ.
މިދިޔަ އޮގަސްޓް މަހު ކުރިއަށް ދިޔަ ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކޮލިފައިންގައި އުދިނޭސީ އާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން އާސެނަލް މޮޅުވި މެޗުގައި ވެމަލިން އަށް ލިބުނު އަނިޔާ އާއި ގުޅިގެން އޭނާ ހުރީ ކުޅުމާއި ދުރުގައެވެ. އެ އަނިޔާ އާއި ގުޅިގެން ސެޕްޓެމްބަރު މަހު ވެމަލިން ވަނީ ސާޖަރީ އެއް ހަދާފައެވެ.
މިމަހު ރިހެބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރިވަމުން އަންނަ ވެމަލިން އަށް މިމަހު 29 ވަނަ ދުވަހު ޗެލްސީ އާއި ދެކޮޅަށް ކުޅޭ ޕްރެމިއާ ލީގު މެޗަށް ނުކުމެވޭނެ ކަމުގެ އިޝާރާތެއް ވެންގާ ވަނީ ދީފައެވެ.