22 Apr 2019, 08:26
ކޮލަމްބޯ (އޭޕްރިލް 22): ސްރީލަންކާގައި އިއްޔެ ދިން ހަމަލާތަކާ ގުޅިގެން އެގައުމުގައި އިއްޔެ އިއުލާން ކުރި ކާފިއު މިއަދު ހެނދުނު އުވާލައިފި އެވެ.
ލަންކާގައި އިއްޔެ ކާފިއު އިއުލާން ކުރީ އެގައުމުގައި ގިނަ އަދަދެއްގެ މީހުން އެއްވެ އުޅޭ ފައްޅިތަކަކަށާއި ހޯޓެލްތަކަކަށް ބޮމުގެ ހަމަލާތަކެއް ދިން ފަހުންނެވެ. އެހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 290އަށް އަރާފަ އެވެ. އަދި އަނިޔާވި މީހުންގެ އަދަދު ވަނީ 452އަށް އަރާފަ އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އިއްޔެގެ ހަމަލާތަކުގައި މަރުވި 27 ބިދޭސީންގެ ތެރޭގައި އިންޑިއާ، ޕޯޗުގަލް، އިނގިރޭސިވިލާތް، ތުރުކީ އަދި އެމެރިކާ ހިމެނެ އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާގު ވަނީ އެހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުން ނުވާ ކަމަށް "ސަން"އަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ލަންކާގައި ދިރިއުޅޭ ދިވެހިން ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ގެއިން ނުނިކުމެ، ގޭތެރޭގައި މަޑުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެހަމަލާތަކާ ގުޅިގެން ލަންކާއިން ވަނީ މިހާތަނަށް 24 މީހުން ހައްޔަރުކޮށްފަ އެވެ. އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ހުރިހާ ހަމަލާތަކެއްވެސް ދިން ކަމަށް ބެލެވެނީ އެއް ޖަމާއަތަކުންނެވެ. އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރޭ ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގެގޮތުގައި ހަމަލާ ދިނުމުގައި ބައިވެރިވީ އެގައުމަށް ނިސްބަތްވާ މީހުން އެކަންޏެވެ.