22 Apr 2019, 07:31
އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ކަމަށްވާ މަހެންދުރަ ސިންގް ދޯނީ އަދި ވިރާތު ކޯލީ ސޮއިކޮށްފައިވާ ކްރިކެޓް ބެޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާކޮށްފި އެވެ.
ރައީސްއަށް އެ ބެޓް ހަވާލުކޮށްދެއްވީ ރޭ އިންޑިއާގެ ބެންގަލޫރުގައި ކުޅުނު އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ކްރިކެޓް މެޗެއްގެ ތެރެއިންނެވެ.
ވިރާތު ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް ރޭ ވަނީ ކުޅެފަ އެވެ. އެ މެޗުން މޮޅު ވެފައިވަނީ ވިރާތު ނިސްބަތްވާ ރޯޔަލް ޗެލެންޖް އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކްރިކެޓް ދަނޑާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ވެސް ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ދަތުރުފުޅުގައި އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅެމުން ގެންދާ ދިވެހިންނާ ރައީސް ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.
ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.