ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުންތައް ދިނުމުގައި އޮތް ހުރަސްތައް ނައްތާލަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ވަޒީފާގައި ނެތް ޒުވާނުންގެ އަދަދަށް ބަލާއިރު ކަންބޮޑުވާންޖެހޭ ކަމަށެވެ. އަދި އެފަދަ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ ގުނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ އިންޓަސްޓްރީގެ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ތިބޭފުޅުން އެބަޖެހެއޭ އިތުރު ފުރުސަތު ހޯދައިދޭން. މިއަދު އަޅުގަނޑުމެންގެ ޒުވާނުން، ދިވެހި މަސައްކަތްތެރިންގެ އަޑު އަހަން އެބަޖެހޭ. ވަޒީފާ ދިނުމުގަ އާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި އޮންނަ ތަފާތުކުރުން އަޅުގަނޑުމެން އެބަޖެހޭ އެއްކޮށް ނިމުމަކަށް ގެނެސް، ވަޒީފާގެ ކުރިއެރުންތައްދީ، އެކަށީގެންވާ އުޖޫރަ އާއި އިނާޔަތް ހޯދައިދޭން،" ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެއްވެސް ސަރުކާރަކުން ތައުލީމީ ދާއިރާއަށް ނުދޭވަރުގެ އަހަންމިއްޔަތު ކަމެއް މި ސަރުކާރުން ވަނީ ތައުލީމީ ދާއިރާއަށް ދީފައި ކަމަށެވެ. އަދި ފުދިގެން އުޅޭ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އުޅެވޭނީ ދިވެހި ދަރީންނަށް ބޭނުންވާ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދީގެން ކަމަށް ފައިސަލް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ތަފާތު 19 ކޯހަކުން 274 ދަރިވަރަކު ސެޓްފިކެޓް ހާސިލްކޮށްފައެވެ. އެއީ ސެޓްކިފިކެޓް ލެވެލް 3 އިން ފެށިގެން ޑޮޕްލޮމާ ލެވެލްއާ ހަމައަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕޮލިޓެކްނިކްގެ ސީއީއޯ އަހްމަދު ނާސިމް ވިދާޅުވީ އެ ކޮލެޖުން ކޯސް ހިންގަނީ އެވަގުތަކު ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާއަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކޮލެޖުން ކޯސް ނިންމާ ދަރިވަރުންނަށް ވަޒީފާގެ ކަށަވަރުކަން ލިބޭ ކަމަށާއި ކޯހުގެ މެދުތެރެއިން ވެސް ކުންފުނިތަކުން ދަރިވަރުންނަށް ވަޒީފާ ހަމަޖައްސާ ކަމަށެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމްގެ އެކި ދާއިރާތަކުން ވަރަށް އަވަހަށް ކޯސްތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.